ގައުމީ ސަލާމަތީ ސަބަބުތަކަށް ޓަކައި ގްރީންލޭންޑް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ގައުމީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެމެރިކާއިން ގްރީންލޭންޑު ބޭނުންވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ، ގްރީންލޭންޑަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ލޫސިއާނާގެ ގަވަރުނަރު ޖެފް ލެންޑްރީ އައްޔަން ކުރެއްވުމަށްފަހުއެވެ. މަންދޫބުންނަކީ ނުރަސްމީ ގޮތެއްގައި އައްޔަންކުރާ ބައެކެވެ. މަންދޫބުން އައްޔަން ކުރުމަށް ހޯސްޓު ގައުމުގެ ރުހުން ހޯދާކަށް ނުޖެހެއެވެ. ޑެންމާކުގެ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް، އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ހަދާނެ ކަމަށް ޓްރަމްޕް މީގެކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން ގްރީންލޭންޑުގެ ކޮންޓްރޯލު ހޯދަން ޓްރަމްޕް ބޭނުންފުޅެއްނުވެއެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ގްރީންލޭންޑު ގަންނަން ވެސް ޓްރަމްޕް ހުށަހެޅުއްވިއެވެ. ގްރީންލޭންޑަކީ ވިއްކާތަނެއް ނޫން ކަމަށް ބުނެ، 2019 ގައި ހުށަހެޅި އެ ހުށަހެޅުމަށް އެ ގައުމުން ވަނީ ދެކޮޅު ހަދާފައެވެ. ގްރީންލޭންޑް. ފޮޓޯ/ރޮއިޓާސް "އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ގްރީންލޭންޑަކީ ކިހާ މުހިންމު ތަނެއްކަން ޖެފްއަށް ވިސްނޭނެ. އަހަރެމެން ބޭނުންވަނީ ގްރީންލޭންޑް ގައުމީ ސަލާމަތަށް، މައުދަންތަކަށް ނޫން. ގްރީންލޭންޑަށް ބަލާލިޔަސް، އައްސޭރިފަށަށް މައްޗަށް ތިރިއަށް ބަލާލިޔަސް، މުޅިތަނުގައި ރަޝިޔާއާއި ޗައިނާގެ ބޯޓުތައް އެބަހުރި." ޓްރަމްޕް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަން އާއި ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް ފްރެޑެރިކް ނީލްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގްރީންލޭންޑަކީ ގްރީންލޭންޑްގެ ރައްޔިތުންނަށް ނިސްބަތްވާ ތަނެއް ކަމަށާއި އެމެރިކާއަކަށް އެ ގައުމާ ހަވާލު ނުވެވޭވެނެ ކަމަށެވެ. އެމެރިކާ ހިމެނޭހެން ކޮންމެ ގައުމަކުން ވެސް ޑެންމާކުގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ޑެންމާކުގެ ޚާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވިއެވެ. އީޔޫ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑާ ލޭއެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީޔޫ އޮތީ ޑެންމާކާއި ގްރީންލޭންޑްގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެމެރިކާގެ ބޭސްއެއް ގްރީންލޭންޑުގައި ހިންގާއިރު، ހަނގުރާމައިގެ ދުވަސްވަރު ނާޒީން ޑެންމާކް ހިފުމަށްފަހު އެ ސަރަހައްދުގެ ހުރިހާ ހިސާބެއްގައި އަސްކަރީ އަދި ރޭޑިއޯ ސްޓޭޝަންތައް ގާއިމުކުރިއެވެ. ގްރީންލޭންޑްގެ ވެރިރަށް ނޫކްގައި ހުރި އެމެރިކާގެ ކޮންސިއުލޭޓެއް 1953 ވަނަ އަހަރު ބަންދުކުރިއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރު، ކޮންސިއުލޭޓް ވަނީ އަލުން ހުޅުވާފައެވެ. ގްރީންލޭންޑަކީ އުތުރު އެމެރިކާ އާއި ޔޫރަޕާ ދެމެދު އޮންނަ ސަރަހައްދެކެވެ. ގާތްގަނޑަކަށް 57،000 މީހުން ދިރިއުޅޭ ގްރީންލޭންޑުގައި 1979 ވަނަ އަހަރުން ފެށިގެން އަމިއްލަ ވެރިކަމެއް އޮތް ނަމަވެސް ދިފާއީ ކަންކަމާއި ޚާރިޖީ ސިޔާސަތު އަދިވެސް އޮތީ ޑެންމާކުގެ ބާރުގެ ދަށުގައެވެ. ގްރީންލޭންޑްގެ ގިނަ ރައްޔިތުން ޑެންމާކު އަތުން މިނިވަންވުމަށް ތާއީދުކުރާއިރު، އޮޕިނިއަން ޕޯލްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ބައެއްގެ ގޮތުގައި ތިބުމަށް ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. މިއަހަރު ކުރީކޮޅު ބޭއްވި އެ ގައުމުގެ އާންމު އިންތިޚާބުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ޑެންމާކާ ވަކިން ގްރީންލޭންޑް ބޭއްވުމަށް ތާއީދުކުރާ އިދިކޮޅު ޕާޓީތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ