ކައިވެނީގެ ކުރީކޮޅެވެ. ފިރިމީހާ ގެއަށް އައުމާއިއެކު އަނބިމީހާ ކަންހަދައިދިނެވެ. ކައިނިމިގެން ތެދުވެގެންދާން ފެށުމުން އަނބިމިހާ ގޮވާލާފައި ބުނީ ކޭތަށި ގެންގޮސް ސިންކަށް ލުމަށެވެ. އަތްދޮންނަން ސިންކުކައިރިއަށް ދާއިރު ކޭތަށި ގެންދިއުމަކީ ބުރަކަމެއް ނޫންކަމަށެވެ.
ފިރިމީހާގެ ޖަވާބަކަށްވީ އެއީ ދުވަހަކުވެސް އޭނާގެ ބައްޕަ ކުރާ ކަމެއް ނޫންކަމަށެވެ. އަނބިމީހާގެ ރައްދަކަށްވީ އަހުރެން ކައިވެނިކޮށްގެން ތިބާގެ ބައްޕައަކާއިއެއް ނޫނެވެ. އަދި އަހުރެންނަކީ ތިބާގެ މަންމައެއްވެސް ނޫނެވެ.
ފިރިމީހާ ވިސްނައިލިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ތަށިގެންގޮސް ސިންކަށްލިއެވެ. އެއީ އެވަރުގެ ކުޑަކުޑަ ކަމެއްގައި ދެބަސްވާން ބޭނުންނުވާތީއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ޒަމާން މިދަނީ ބަދަލުވަމުންނެވެ. ދިރިއުޅުން މިދަނީ ބަދަލުވަމުންނެވެ. މުނިކާފަ، ކާފަ އަދި ބައްޕަ ދުނިޔޭގައި އުޅުނު ގޮތަށް ނުވިސްނާށެވެ. ޒަމާނަށްފެތޭށެވެ. އެކަންކުރަން ކުރަންޖެހޭނެ ކަމަކީ އައު ފެޝަންތަކަށް ފޭރާންލުމެއް ނޫނެވެ. ދިރިއުޅުން ޒަމާނަށް ފެއްތުމެވެ.
އެކަންކުރެވޭނީ ދެމަފިރިންނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އެހީތެރިވެދޭ މީހަކަށް ވެގެންނެވެ. އަނެކާ ކުރާ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދީގެންނެވެ. އެގޮތުން ބަލާއިރު މިއަދު ހަމައެކަނި ތަށި ގެންގޮސް ސިންކަށް ލުމަކުންވެސް ނުފުދެއެވެ. ރަނގަޅު ގޮތަކީ ދޮވެލައި ރެކަށް ތަށިލުމެވެ. އެއީ ކޮންމެހެން އެކަންކުރަން ޖެހޭތީއެއް ނޫނެވެ. އަނބިމީހާއަށް ލުއިކޮށްދިނުމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން / މިއަދުނޫސް
ކޭތަށި ގެންގޮސް ސިންކަށް ލާންބުނީމާ ދެކޮޅު ހެދުމުން އަނބިމީހާ ދިން ރައްދު- ކައިވެނި ދަމަހައްޓަން ލިބިގަންނަންޖެހޭ ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ