ރަޝާގެ ފިލްމުގައި އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް
ފިލްމު "އާޒާދު"އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ ރަޝާ ތަޑާނީގެ އާ ފިލްމުގައި ބަތަލާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވަ ރިލީޒްކޮށްފިއެވެ. "ލައިކޭ ލައިކާ"ގެ ނަމުގައި އުފައްދާ މި ފިލްމަށް ރަޝާ ކިޔައިދީފައިވާ ލަވައިގެ ނަމަކީ "ޗާޕް ތިލަކް"އެވެ. މިއީ ރަޝާގެ ކިބައިގައި ހުރި ލަވަކިޔުމުގެ ހުނަރާ އެކު ފިލްމީ ތަރިއެއްގެ އިތުރުން ލަވަކިޔުންތެރިއެއްގެ ގޮތުގައި ބަތަލާ ތައާރަފުވާ ލަވަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އިންޑީ-ފޯކް ބޭންޑް ކަމަށްވާ ފަރިދްކޮޓްއެވެ. އަދި، މި ލައިވައިގެ ޅެން ތައްޔާރުކޮށްދީފައިވަނީ ސިދާތު-ގަރީމާއާއި އައިޕީ ސިންގް ގުޅިގެންނެވެ. ސޯރަބް ގުޕްތާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ލައިކޭ ލައިކާ" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރުގެ ޖޫން މަހެވެ. "ލައިކޭ ލައިކާ"ގެ ޕޯސްޓަރެއްގައި ރަޝާ އަދި އަބޭ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމުގައި ރަޝާއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ޒުވާން އެކްޓަރު އަބޭ ވަރުމާއެވެ. ރަޝާގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، އެ ފިލްމުގައި ބަތަލާ ދެއްކި އެކްޓިން ހުނަރަށާއި ނެށުމުގެ ހުނަރަށް ގިނަ ބަޔަކު ތައުރީފުކުރިއެވެ. ހަމައެގޮތަށް ރަޝާގެ ކެރިއަރުގެ ދެވަނަ ފިލްމުން ވެސް މުޅިން އާ ހުނަރެއް ދައްކާލައިފި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމު "ލައިކޭ ލައިކާ"ގެ ޕޯސްޓަރުތަކެއް ބެލުންތެރިންނަށް ދައްކާލާފައިވާއިރު، މި ފިލްމަކީ މިހާރުގެ ޒުވާނުންނާ ގުޅޭގޮތަށް ގެނެސްދޭ ދެ ޒުވާނެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ