ލިވަޕޫލް، ބަޔާން، ޗެލްސީ އަދި ބާސެލޯނާ އަށް މޮޅެއް ލިވަޕޫލް، ބަޔާން، ޗެލްސީ އަދި ބާސެލޯނާ އަށް މޮޅެއް

މާސޭ، ފްރާންސް (ޖެނުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ބާސެލޯނާ އާއި ބަޔާން މިއުނިކްގެ އިތުރުން ޗެލްސީ މޮޅުވެއްޖެ އެވެ.
އެ ގޮތުން، ލިވަޕޫލުން މާސޭ ދަނޑުގައި 3-0 އިން މޮޅުވިއިރު، ބާސެލޯނާ އިން ވަނީ ސްލަވިއާ ޕްރާގް ދަނޑުގައި 4-2 އިން ކުރިހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ޗެލްސީން ޕަފޯސް އަތުން މޮއިސަސް ކައެސޭޑޯ ޖެހި ހަމައެކަނި ގޯލުން 1-0 އިން މޮޅުވިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ބަޔާނުން އަމިއްލަ ދަނޑުގައި ޔޫނިއަަން ސެއިން ގިލޮއިސް އަތުން މޮޅުވީ ހެރީ ކޭންގެ ދެ ލަނޑުން 2-0 އިންނެވެ. ބަޔާނުން ރަތް ކާޑު ދެއްކި ކިމް މިން ޖާއި އަށެވެ.
އެފްރިކަން ކަޕަށް ފަހު މުހައްމަދު ސަލާހު އެނބުރި އައިސް ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމުން ފުރަތަމަ ހާފުގައި ވަނީ ޑޮމިނިކް ސޮބޯސްލާއި ޖެހި ހިލޭ ޖެހުމުން ލީޑުނަގައިފަ އެެވެ. އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެމަނުއަލް ފްރިމްޕޮން ކުރި އެޓޭކެއްގައި މާސޭގެ ޖެރޮނީމޯ ރޫލީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ފަހު ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ.
ސްލަވިއާ ޕްރާގު ކައިރިން ބާސެލޯނާގެ ތަރި އަކީ، ދެ ލަނޑު ޖެހި ފާމިން ލޮޕޭޒް އެވެ. އެ ޓީމުން ދެން ލަނޑުތައް ޖެހީ ޑަނީ އޮލްމޯ އާއި ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި ލެވަންޑޯސްކީ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަންއިރު، ސްލަވިއާގެ އަނެއް ލަނޑު ޖެހީ، ވަސިލް ކުސެޖް އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 3-0 އިން ޕީއެސްވީ ބަލިކުރިއިރު، ބެންފީކާ އަތުން ޔުވެންޓަސް އިން ވަނީ 2-0 އިން މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ބާކީ ކޮންމެ ޓީމަކަށް މެޗެއް އޮތްއިރު، ގަދަ 16 ގެ އޮޓޮމެޓިކް ޖާގަތައް ހޯދި ޓީމުތައް ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. މި ވަގުތު ގަދަ އަށް ޓީމުގެ ތަރުތީބަކީ، އާސެނަލް، ބަޔާން މިއުނިކް، ރެއާލް މެޑްރިޑް، ލިވަޕޫލް، ޓޮޓެންހަމް ހޮޓްސްޕާސް، ޕީއެސްޖީ، ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ