ޓްރަމްޕުގެ ބޯޑް އޮފް ޕީސްއާ އިތުރު 7 ގައުމަކުން ގުޅިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑް އޮފް ޕީސްއާ ގުޅުމަށް އިތުރު ހަތް ގައުމަކުން އެއްބަސްވެއްޖެ އެވެ.
މި މަޖިލީހާ އަލަށް ގުޅުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، އަދި މިސްރު ހިމެނެ އެވެ.
މީގެ ކުރިން އިޒްރޭލުން ވެސް ވަނީ މި މަޖިލީހުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ.
ޓްރަމްޕް ރޭ ވިދާޅުވި ގޮތުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް މި މަޖިލީހާ ގުޅުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް، ރަޝިޔާގެ ރައީސް އޮފީހުން ބުނެފައިވަނީ އެ ދައުވަތު އަދި އޮތީ ދިރާސާކުރުމުގެ މަރުހަލާގައި ކަމަށެވެ.
ކުރިން ބެލެވިފައި އޮތީ މި ބޯޑަކީ އިޒްރޭލާއި ހަމާސްއާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ގާޒާ އަލުން އާބާދުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފައްދާ މަޖިލީހެއް ކަމަށެވެ. ނަމަވެސް، މި މަޖިލީހުގެ ދަސްތޫރުގައި ފަލަސްތީނުގެ ބިންތަކާ ބެހޭ އެއްވެސް ވާހަކައެއް ނެތްއިރު، މިއީ އދ.ގެ ބައެއް މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ފަރުމާކޮށްފައިވާ އިދާރާއެއް ކަމަށް ބެލެވެ އެވެ.
ސައުދީ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ގަތަރު ހިމެނޭ މުސްލިމް ގައުމުތަކުގެ ގްރޫޕުން ބުނެފައިވަނީ، އެ ގައުމުތަކުން މި މަސައްކަތަށް ތާއީދުކުރަނީ ގާޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމަށާއި އަލުން އާބާދުކުރުމަށް އެހީތެރިވެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ކަމަށެވެ.
މި މަޖިލީހާ ގުޅުމަށް ކެނެޑާ އަދި އިނގިރޭސިވިލާތަށް ވެސް ދައުވަތު ދީފައިވާއިރު، އެ ގައުމުތަކުން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ޔޫއޭއީ، ބަހްރޭން، އަލްބޭނިއާ، އަރުމީނިއާ، އަޒަރުބައިޖާން، ބެލަރޫސް، ހަންގޭރީ، ކަޒަކިސްތާން، މޮރޮކޯ އަދި ވިއެޓްނާމުން ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން، ޕޯޕް ލިއޯއަށް ވެސް ދައުވަތު ލިބިފައިވާކަން ވެޓިކަން އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް، ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަޓް ގޮލޮބް ވަނީ މި ދައުވަތު ގަބޫލުނުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަދަ މަޖިލީހެއްގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް ނުރައްކާތެރި ނުފޫޒުތަކެއް ފޯރަފާނެ އެވެ.
ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕެވެ. އަދި މަޖިލީހުގެ މެންބަރުކަން ދާއިމީކޮށް ބޭނުންވާ ނަމަ 1 ބިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދޭން ޖެހެ އެވެ.
މިހާރު ވެސް މި މަޖިލީހުގެ އިސް ބޯޑަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ފަދަ ބޭފުޅުން ވަނީ އައްޔަންކުރައްވާފަ އެވެ.
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، މަސްލަހަތު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.
ހަނގުރާމަ ހުއްޓާލި ފަހުން ވެސް އިޒްރޭލުގެ ހަމަލާތަކުގައި 460އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން، 7 އޮބްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 71,550އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ