އެމެރިކާގެ އަވަށްޓެރި ކެނެޑާ ދެމިއޮތީ އެމެރިކާއިން ހިލޭ ފޯރުކޮށްދޭ އެހީތެރިކަމާއި އެމެރިކާގެ ސަބަބުން ކަމަށާއި ނަމަވެސް ކެނެޑާއިން އެމެރިކާއަށް ޝުކުރުވެރި ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
ސްވިޓްޒަލޭންޑުގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ރޭ ދެއްވި ތަގުރީރުގައި ބޮޑަށް އަލިއަޅުއްވާލެއްވީ އެމެރިކާގެ އިގްތިސާދީ ވަރުގަދަކަމާއި ގްރީންލޭންޑް މިލްކުކުރުމަށް އޮތް ޝައުގުވެރިކަމުގެ މައްޗަށެވެ. ނަމަވެސް، މި ތަގުރީރުގައި ދުނިޔޭގެ އެހެން ލީޑަރުންނަށް އަމާޒުކުރައްވައި ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އިގްތިސާދީ ބާރުވެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ "ބޮޑެތި ބާރުތަކަށް" ފާޑުވިދާޅުވެ، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެ ފޯރަމްގައި ވަރުގަދަ ތަގުރީރެއް ދެއްވިތާ އެއް ދުވަސް ފަހުން، ޓްރަމްޕް ވިދާޅުވީ ކާނީ "ޝުކުރުވެރިވާންޖެހޭނެ" ކަމަށެވެ.
"ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން. މާކް، ދެން ފަހަރަކު ބަޔާނެއް ދޭއިރު އެކަން ހަނދާން ބަހައްޓާތި، ކެނެޑާގެ ބޮޑުވަޒީރު ކާނީގެ ފުރަތަމަ ނަމުން މުހާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ކެނެޑާއަށް އެމެރިކާގެ ފަރާތުން ގިނަ ހިލޭ އެހީތަކެއް ލިބޭ ކަމަށާއި، އެކަމަށްޓަކައި އެ ގައުމުން ޝުކުރުވެރިވާންޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕްގެ މި ވާހަކަތަކަކީ އިންޒާރެއްތޯ ނުވަތަ ހަނދާންކޮށްދިނުމެއްތޯ ސާފުނުވި ނަމަވެސް، ކެނެޑާގެ ރައްޔިތުން މިކަމާ މެދު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދުނިޔޭގައި ކުރިން އޮތް ނިޒާމު އިއާދަ ނުވާނެ ކަމަށް ވިދާޅުވެ ކާނީ އަންގާރަ ދުވަހު ޑާވޯސްގައި ދެއްވި ތަގުރީރަށް ކެނެޑާގެ ސިޔާސީ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ސެނެޓަރަކު ސިފަކުރެއްވި ގޮތުގައި އެއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކެނެޑާގެ ބޮޑުވަޒީރަކު ދެއްވި އެންމެ މުހިންމު ތަގުރީރެވެ.
ކާނީގެ ވާހަކައިގައި ޓްރަމްޕްގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، "އެމެރިކާގެ ނުފޫޒާ" ބެހޭ ގޮތުން ވާހަކަދައްކަވަމުން، ދުނިޔެ މިހާރު ތަހައްމަލު ކުރަމުންދަނީ އާދައިގެ ބަދަލެއް ނޫން ކަމަށާއި، އެއީ މުޅި ނިޒާމަށް އަންނަ ބޮޑު ބަދަލެއް ކަމަށް ވިދާޅުވި އެވެ. އަދި ކުދި ގައުމުތައް ގުޅިގެން މަސައްކަތްކޮށް، ބޮޑެތި ބާރުތަކުގެ މަޖުބޫރުކުރުންތަކަށް ފުރަގަސްދިނުމަށް އޭނާ ގޮވާލެއްވި އެވެ.
ކެނެޑާގެ އިގްތިސާދުގެ %75 އެމެރިކާއަށް ބަރޯސާވެފައިވާއިރު، އެމެރިކާއިން ބައެއް މުދަލުން ޓެކްސް ބޮޑުކުރުމުގެ ސަބަބުން ކެނެޑާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ފަރަންސޭސި ރައީސް އެމަނުއަލް މެކްރޯން ވެސް ވަނީ ޑާވޯސްގައި ތަގުރީރު ކުރައްވާފަ އެވެ. އޭނާ ވެސް ވަނީ އެމެރިކާއިން ޔޫރަޕްގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
މެކްރޯން ލޮލުގެ ބައްޔަކާ ހުރެ މި ދުވަސްކޮޅު އަވިއައިނު އަޅުއްވައިގެން ހުންނެވުމުން އެކަމަށް ވެސް ޓްރަމްޕް ރޭ މަލާމާތްކުރެއްވި އެވެ. އަދި ސްވިޓްޒަލޭންޑުގެ ކުރީގެ ރައީސް ކަރިން ކެލާ-ސަޓާއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ.
ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން، އެކަމަކު ޝުކުރުވެރިއެއް ނުވޭ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ