ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ވިހެމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އިޖުތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ޙަވާލުކުރުން ނުވަތަ ފޮސްޓަރކުރުމުގެ މަރުހަލާ ކުރިން އޮތްގޮތުން އެކަން ވަރަށް ދިގުލައިގެންދާތީ، އެކަމުގެ ޝައުގުހުރި އާއިލާތަކަށް އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ.
އެހެންކަމުން "ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާކަމަށާއި، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއް ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ފޮސްޓަރކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން އަދި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންވެސް ތިބޭކަމަށެވެ. އަދި އެފަދަ ކުދިންނާ ޙަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭތީ އެފަދަ އާއިލާތަކަށް ސިވިލް ސަރވިސްގެ ތެރެއިން ޚާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަމަހު ހަމަަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިވިލް ސަރވިސްގައި މަޝްވަރާކުރެވިގެން އިރާދަކުރެއްވިއްޔާ މި އެޕްރީލްމަހު ފޮސްޓަރކުރާ ފަރާތްތަކަށްވެސް ޚާއްސަ ޗުއްޓީއެއް ޚާއްސަ ލީވްއެއް ލިބޭގޮތަށް މިހާރު ހަމަޖެހިފައި އެއޮތީ. އެއީ ކުދިންނާ ޙަވާލުވާން ތިބި މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވާނެ. އަދި ހޮސްޕިޓަލް ތެރެއިން ނޫނަސްވެސް ކުއްޖަކާ ޙަވާލުވެފައި ގާތްގުޅުމެއް އުފައްދަން، އެކުއްޖާއާއެއްކޮށް ލޯބިވެތި ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވޭ އެކުއްޖާއާއެއްކޮށް ހޭދަކުރަން." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާކަމަށާއި، މިއީ އުފާކުރަންޖެހޭކަމެއްކަމަށެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އެފަދަ ކުދިންނަަށް އަނބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބިގެންދާ ހިތްވަރެއްކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ތުއްތުކުދިން ފޮސްޓަރކުރުމުން ވިހެމުން ލިބޭފަދަ ޗުއްޓީއެއް ލިބޭގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ