އާރަށު މައްސަލައިގައި ޔާމީން މިނިވަންވާނެ، އެއީ ޝައްކެއް ނެތްކަމެއް: ޑރ. ޖަމީލް

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކަށް ބަލާއިރު ވ. އާރަށުގެ މައްސަލައިގައި މިހާރު ޖަލު ހުކުމުގައި ހުންނެވި އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަަވަމުން ޖަމީލް ވިދާޅުވީ މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރަން މަސައްކަތްކުރުމަކީ ސަމާސާއެއް ނޫންކަމަށެވެ. އަދި ކުށެއް ސާބިތުކުރުމަށް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ހުށަހެޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. "އެ ދުވަސްވަރުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކިޔާ ބޭފުޅަކު ވެރިކަމުގައި ހުންނެވިއޭ. އެ ދުވަސްވަރުގައި ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގިއޭ، ޕްރޮޖެކްޓުތަކެއް ހިންގިއޭ، އެ ދުވަސްވަރުގައި މިތާނގައި ކުންފުނިތަކެއް އައޭ، މަސައްކަތްކުރިއޭ، ޓޫރިޒަމަށް ރަށްތަކެއް ކަނޑައެޅިއޭ، ބަޔަކު ރަށްތަކެއް ތަރައްގީކުރަން މަސައްކަތްކުރިއޭ. މިއީ ހައްތަހާ ވެސް ހެކިތަކޭ ރައީސް ޔާމީން މި ދުވަސްވަރު ކުށެއް ކުރިކަމުގެ. މި ގޮތަކަށް ކުރާ ޒާތުގެ ކަންތައްތަކެއް ނޫން މިއީ،" ޑރ. ޖަމީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފަދައިން ކަން ހިނގައިފައި އޮތުމަކީ ސުޕްރީމް ކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވާނެކަން ޔަގީންވާ ސަބަބުކަމަށެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީގެ ކުރީގައި ބުނެފައި ހުރި ވާހަކަތަކާއި ގާނޫނީ ހަމަތަކަށް ބަލާކަމުގައި ވަންޏާމުން ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނޭ ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އާރަށުގެ މައްސަލައިގައި ބަރީއަވެގެން ނިކުމެވަޑައިގަންނަވާނެ،" އޭނާ ވިދާޅުިވިއެވެ. އިތުރަށް ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އާރަށު މައްސަލައިގެ އިސްތިއުނާފް ހައިކޯޓުގައި ވީހާ ވެސް އަވަހަށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެ މައްސަަލައިގައި ދައުލަތުގެ އަތުގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރެވޭނެފަދަ ހެއްކެއް ނެތްކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު އޮތް ގާނޫނީ ނިޒާމުގެ ތެރޭގައި، ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭނެ އެއްވެސް ޖާގައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން އަދި ފަށާފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ