ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ވީނިއުސް"އަށް މައުލޫމާތު ދިން ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވެއެވެ.
މެޓުން ބުނީ ރާއްޖެއާއި ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާކަމަށެވެ. "މޮކާ"ގެ ނަމުން ނަން ދީފައިވާ ތޫފާނާ ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅުމެއް ނެތެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުލަނގު މޫސުމުގެ ވިއްސާރައެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާލުގެ އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ. ރާއްޖޭގެ ރަށްރަށަށް އުދައެރުމުގެ ފުރުސަތު ކުޑަ ކަމަށް މެޓުން ބުނެއެވެ.
ނަމަވެސް، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކުރެއެވެ.
މޫސުން: ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ