ނަޝީދު ފެކްޝަނުން ރައީސްގެ މަގާމު ގުރުބާންކޮށް، ރައީސް ސޯލިހުގެ ބަދަލުގައި ޖޭޕީވެސް އޯކޭ!

ކޮލަމިސްޓް
ނިމިދިޔަ ހަފްތާ ބަންދުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ކަމަކީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަތުމެވެ. ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައެވެ.
އޭގެ ފަހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުގެ ފެކްޝަނާއި ޖޭޕީއާއި ގުޅިދާނެކަމުގެ އިޝާރާތްތަކެއް ވަނީ ލިބިފައެވެ. މިފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދުގެ ފެކްޝަނެކޭ އެއްގޮތަށް ޖޭޕީއަށް ނިސްބަތްވާ މެމްބަރުންވެސް ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޮންމެވެސް ވަރަކަށް އަންނަނީ ފާޑު ވިދާޅުވަމުންނެވެ.
ގާސިމާއި ނަޝީދު ޖޭޕީ ކޮންފަރެންސްގައި
ރައީސް ނަޝީދު ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުން ބައެއް މެމްބަރުން ވަނީ މިއަދު މަޖިލީހުގައި ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ.
"އަމިއްލަފުޅު ޕާޓީއަށް ވެރިކަން ހޯދައިނުދީ ޖޭޕީއަށް ވެރިކަން ހޯދައދިނުމަކީ އެމްޑީޕީއަށް މާ ރަނގަޅުވާނެކަމެއް ކަމަށް ޕާޓީގެ ރައީސް ގަބޫލުފުޅުކުރައްވާ"
އެއާ ވިދިގެން ރައީސް ނަޝީދަށް ތާއީދުކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ރައީސް ސޯލިހު ނޫން ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
"ކިހިނެއްތޯ ވާނީ އެހެން ޕާޓީއެއްގެ މެމްބަރަކު ރައީސްކަމަށް ކުރިމަތިލައްވާ، އެމްޑީޕީގެ ރަނިން މޭޓަކާއި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދަން؟"
އެފަދަ ސަރުކާރެއްގައި އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއެކު ސަރުކާރު ހިންގޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް ސޯލިހު އެމްޑީޕީން ވާދަކުރައްވައިފިނަމަ އެމްޑީޕީއަށް ވެރިކަން ގެއްލޭނެކަމަށް ނަޝީދު ފެކްޝަން ނުވަތަ ފިކުރެއްގެ ދިރުން ފެކްޝަނުން ދެކެއެވެ. ވެރިކަން ހޯދާނެ ފޯމިޔުލާއާއި ވެރިކަން ލިބޭނީ ކޯލިޝަނަކުންކަމަށް ރައީސް ސޯލިހު ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ހަސަން ލަތީފް ވަނީ އެވިދާޅުވާ ކޯލިޝަނެއް މިހާތަނަށް ހެދިފައިނުވާ ކަމަށެވެ.
ހަސަން ލަތީފްގެ މިވާހަކަފުޅަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ތާއީދުކަން ހާމަވިއެވެ.
"މިސަރުކާރުގައި އެމްޑީޕީއަށް އޮތީ 40 އިންސައްތަ، އެއަށްވުރެ އިތުރު މިންވަރެއް ލިބޭނަމަ އެއީ ޕާޓީއަށް ރަނގަޅު ގޮތްކަމުގައި ވެދާނެ"
މިކަމުން ދޭހަވެގެން މިދަނީ ކޮންމެ ގޮތެއް ހަދާފައިވެސް ރައީސް ސޯލިހަށް ވެރިކަން ދޭން ފިކުރެއްގެ ދިރުމުން ބޭނުންވާ ނުވާ ކަމެވެ. ރައީސްގެ މަގާމު ގުރުބާންކޮށްފައިވިޔަސް ބޭނުންފުޅުވަނީ އެގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ