ފަލަސްޠީނު ސަރުކާރުގެ އާދޭސް: ނިކަމެތި ފަލަސްޠީނު ރައްޔިތުން ރައްކާތެރިކޮށްދީ!

ދިފާއެއް ނެތި ތިބި ފަލަސްޠީނު ރައްޔިތުން އިސްރާއީލުން ސްޕޮންސާކޮށްގެން ހިންގާ އަނިޔާވެރި އަމަލުތަކާއި ޓެރަރިޒަމުން ރައްކާތެރިކޮށްދޭން ފަލަސްޠީނުގެ ދައުލަތުން ބައިނަލްއަޤުވާމީ މުޖުތަމައުގެ ކިބައިން އެދިއްޖެއެވެ.
ޔަހޫދީ އާބާދުވެރިން ފަލަސްޠީނުގެ ޙުވާރާ އަވަށަށް އަރައިގަނެ އެ އަވަށުގެ ގެދޮރާއި އުޅަނދުފަހަރުގައި ހުޅުޖަހައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްޠީނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަހޫދީ ޓެރަރިސްޓު ހަނގުރާމަވެރިން ހުވާރާއަށް ވަދެގަނެ އަތުޖެހުނު ކޮންމެ ފަލަސްޠީނު މީހެއްގެ ފުރާނައަށް ނުރައްކާކޮށް ގެދޮރާއި ކާރާއި ގަސްގަހާގެއްސާއި ޖަނަވާރު އަޅިއަށް ހަދައިލި މަންޒަރަކީ ކުރިން ފެނިފައިނުވާ މިންވަރުގެ އަނިޔާވެރި އަމަލެއް ކަމަށެވެ.
"އަރަބިންނަށް މަރޭ" ގޮވަމުން ޔަހޫދީ އާބާދުވެރިން ސުންނާފަތިވެފައިވާ ގެދޮރާއި މަރުވެފައިވާ އަދި އަނިޔާވެފައިވާ ފަލަސްޠީނު މީހުންގެ ހަށިތަކުގެ މަތީގައި ނަށަމުންދިޔަކަމަށާއި، އެ ހުރިހާ ކަމެއް ކުރީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޔަހޫދީ އާބާދުކުރުމުގެ ނިރުނބަވެރިކަމަކީ އިސްރާއީލުގެ ދައުލަތުން ސްޕޮންސާކޮށްގެން ހިންގާ ޖަރީމާއެއްކަމަށް ފަލަސްޠީނު ސަރުކާރުން ސިފަކުރިއެވެ. އެ ޖަރީމާތަކަކީ އިސްރާއީލު ސަރުކާރުގެ ހުރިހާ ގޮތްޕަކުން މާލީ ގޮތުންނާއި ޑިޕްލޮމަސީގެ ގޮތުން އެހީތެރިވާ ސިޔާސީ ގޮތުން ބާރުދީ މަދަދުވެރިވެގެން ހިންގާ ޖަރީމާތަކެއްކަމަށް ފަލަސްޠީނު ސަރުކާރުން ބުންޏެވެ. އަދި އެކަންކަމަކީ އިސްރާއީލުގެ މަސްއޫލުވެރިން އިހުތިފާލުކުރާ ކަންތައްތަކެއްކަން ފާހަގަކުރިއެވެ.
ޙުވާރަގައި ހިނގި އަނިޔާވެރިކަމަކީ އާބާދުވެރި ޓެރަރިސްޓުންނަށް ހަތިޔާރު ލިބުމަށް އޮތް ފުރުސަތު އިސްރާއީލު ސަރުކާރުން އިތުރަށް ފުޅާކުރިފަހުން ހިނގިކަމެއްކަމަށާއި، އާބާދުވެރި ޓެރަރިސްޓުން ހިންގާ އަމަލުތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލު ސަރުކާރާއި އެ ޤައުމުގެ މަސްއޫލުވެރިން އުފުލަންޖެހޭނެކަމަށް ދެކޭ ކަމުގައި ފަލަސްޠީނު ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަކްބާއަށްފަހު އާބާދުވެރި ޓެރަރިސްޓުންނާއި އިސްރާއީލުގެ ދައުލަތް ގުޅިގެން މަސައްކަތްކުރަނީ ޔަހޫދީންގެ މަތިވެރިކަން ޤާއިމުކޮށް، ފަލަސްޠީނު މީހުންގެ ނަސްލު ނައްތާލައި، އެމީހުންގެ ބިންތަކުން ފަލަސްޠީނު މީހުން ނެރެ ބަދަލުގައި ޔަހޫދީން ވަޒަންވެރިކުރުމަށްކަމަށް ފަލަސްޠީނު ސަރުކާރުން ބުންޏެވެ.
ފަލަސްޠީނު ސަރުކާރުން އިތުރަށް ބުނީ ނަކްބާއަށް ނިމުމެއް ނާންނަ ފަދައިން އިސްރާއީލުގެ އަނިޔާވެރިކަންވެސް ނިމިފައިނުވާ ކަމަށާއި، ނިޒާމީ ގޮތެއްގައި ފަލަސްޠީނު ރައްޔިތުން ގެދޮރާއި ބިމުން ނެރެ ބިކަކުރަން ހުއްޓުމަކަށް ނާންނަ ކަމަށެވެ.
ހުވާރާގެ ފަލަސްޠީނު މީހުން މިއަދު ދިރިއުޅުނީ މީގެ 75 އަހަރު ކުރިން އެމީހުންގެ ކާބަފައިން ތަހައްމަލުކުރި ބިރުވެރިކަމުގައި ކަމަށާއި، އިސްރާއީލުގެ އާބާދުވެރިންގެ ޓެރަރިޒަމް ދެމިގެންދާއިރު އެ ނިރުނބަވެރިކަމުގެ އަމާޒަކީ ފަލަސްޠީނު ރައްޔިތުން ކުޑަކަކުލަށް ތިރިކުރުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ފަލަސްޠީނު ސަރުކާރުން ބުނީ، ހުސް ބަސްތަކާއި ކުށްވެރިކުރުމުގެ ބަޔާންތަކުން، އިސްރާއީލުގެ އުންސުރީ ޓެރަރިޒަމުން ފަލަސްޠީނުގެ ދިފާއެއް ނެތް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިނުދެވޭނެ ކަމަށެވެ.
ފަލަސްޠީނު ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އދއާއި އެޖަމްއިއްޔާގެ އަމީން އާންމު މިހާރުން މިހާރަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށާއި، ލަސްކުރުމެއް ނެތި އިސްރާއީލުގެ މަސްއޫލުވެރިންނާއި އާބާދުވެރިން އެމީހުންގެ ޖަރީމާތަކަށް ޒިންމާކުރުވުމަކީ ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަންޖެހޭ ކަމެއް ކަމުގައި ފަލަސްޠީނު ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ