ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސް ކޮށްފި

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިތުރު އެހީތެރި ކަމަކާ ނުލައި، އިންތިޚާބުތަކުގައި އަމިއްލައަށް ވޯޓު ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލް ކުރާ އެންމެން ވޯޓު ލަމުން އައިސްފައިވަނީ އެހެން މީހެއްގެ އެހީތެރި ކަމާ އެކު ކަމަށާއި، އެކަމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ގާނޫނުން ކަށަވަރު ކޮށްދޭ އެތައް ހައްގެއް ގެއްލޭ ކަމަށެވެ. ކޮމިޓީއަށް ވަނީ ދެ އިސްލާހު ހުށަހަޅާފައެވެ. އެއީ 'ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ' މީހުންގެ ބަދަލުގައި 'ފެނުމުން މަހުރޫމްވެފައިވާ' އަށް އިބާރާތް ބަދަލު ކުރުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި އިސްލާހާއި, ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ އެތެރެ ފެންނަ ވަސީލަތަކަށް ވާން ޖެހޭނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ އިސްލާހެވެ. މެމްބަރު އިބްރާހީމް ރަޝިދު ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމަށް 39 މެންބަރުން ވޯޓު ދެއްވިއިރު، ބަލައިގަތުމަށް ވޯޓު ދެއްވީ 17 މެންބަރުންނެވެ. އެހެންކަމުން އެ އިސްލާހު ބަލައިގެންފައެއް ނުވެއެވެ. މެންބަރު ސަލީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް 60 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ކޮމިޓީން ބިލު ފާސް ކުރުމާއެކު ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންނަށް ދޭން ޖެހޭ ވަގުތު ދިނުމަށް ފަހު، ވީހާ ވެސް އަވަހަކަށް އެ ބިލު ތަޅުމަށް ގެންނަވާނެ ކަމަށެވެ. ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މީގެކުރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ