ސްޕެއިން އާއި ރާއްޖެ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ ސްޕެއިންގެ ގައުމީ ޓީމަކީ ދިވެހިންގެ ބޮޑު ތާއީދެއް އޮތް ޓީމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފީފާ ވޯލްޑް ކަޕް 2026 ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ގައުމުގެ ރަސްގެފާނު ފެލީޕޭ 6 ވަނައަށާއި، ބޮޑުވަޒީރު ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކާމިޔާބީއަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަގުބޫލު ކުޅިވަރެއް ކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީމެކެވެ.
ހަމައެއާއެކު، ސްޕެއިންގެ މި ބޮޑު ކާމިޔާބީ މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަން ބަޔާންކުރައްވަމުން، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވަމުން، ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްހަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ސްޕެއިންގެ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ދެ ގައުމުގެ ގާތް ގުޅުން ރައީސް ފާހަގަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ