ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި 37 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އެޕްރީލު މަހު އެންގި އެވެ. އެ އަދަދަށް މުވައްޒަފުން މަދުކުރުމަށް މިހާރު ދީފައިވަނީ ތިން މަހުގެ މުއްދަތެކެވެ.
ބުނީ ކީކޭ؟ - މިކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ ޑިރެކްޓަރު ޖެނަރަލު ހަސަން ލަތީފް ވިދާޅުވީ، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް އެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް އެ ޕާޓީން އެހީތެރިވެދެމުންދާ ކަމަށެވެ. އެގޮތުން ވިދާޅުވީ:
ނުހައްގުން ވަޒީފާއިން ވިކުކުރި 65 މީހަކާއެކު މައްސަލަތައް ޝަރީއަތަށް ހުށަހެޅުމަށް ދަނީ މަސައްކަތްކުރެވެމުން
މިހާތަނަށް 37 މީހެއްގެ މައްސަލަ މިހާރު ވެސް ޝަރީއަތުގައި އެބައޮތް
އަޑުއެހުންތަކަށް ދިއުމާއި ގާނޫނީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްގައި އެމްޑީޕީގެ ވަކީލުންގެ އިތުރުން ވެސް އެހީތެރިކަން ފޯރުކޮށްދޭން އަމިއްލައަށް ބޭނުންވާ ބައެއް ވަކީލުންނާއެކު އެ މަސައްކަތްތައް ދަނީ ކުރެވެމުން
އެފަދަ ކޭސްތަކަށް އެޓެންޑުވުމަށް 24 ގަޑިއިރު ޖަވާބުދޭނެ ހެލްޕް ލައިނެއް ވަނީ ގާއިމުކުރެވިފައި؛ އެއީ 7341637
"މިކަމުގައި އެންމެ ބޮޑަށް ޒިންމާވާންޖެހެނީ ރައީސް [މުހައްމަދު] މުއިއްޒު. ރައްޔިތުންނަށް މިފަދަ އިހާނެތި ގޮތަކަށް ކަންތައްތައް ކުރަމުން ގެންދާތީ ރައީސް މުއިއްޒު ޒިންމާވާންޖެހޭ. ހަމަ އެއާ އެކު ޕީސީބީގެ ރައީސް [މުހައްމަދު] ނިޒާރު ވެސް ޒިންމާވާންޖެހޭ. އަދި ހަމަ އަޅުގަނޑު ދެކޭގޮތުގައި އެޗްއާރްސީއެމްއިން ވެސް މިކަމުގައި އެއްޗެއް ބުނަންޖެހޭ،" ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި ހަސަން ވިދާޅުވި އެވެ.
"މިހާ ބޮޑު އަދަދެއްގެ ރައްޔިތުންނަށް މިހާ ބޮޑު ތަކުލީފެއް ދޭކަމުގައި ވަންޏާ ހާއްސަކޮށް އެޗްއާރްސީއެމްގެ ވަރަށް ބޮޑު ޒިންމާއެއް އެއީ މިކަމުގެ ތަހުގީގެއް ހިންގަވައި ސަރުކާރުން އެކަން ކުރަމުންދާގޮތުގެ މައުލޫމާތު ހޯއްދަވައިގެން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮޮށްގެން ނަމަވެސް ހުއްޓުވުން."
މި ބައްދަލުވުމުގައި ދެން އިންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، %33 މުވައްޒަފުން މަދުކުރާނަމަ 14،000އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހައްގު ނިގުޅައިގަންނަންވާނީ، ދުރާލައި ޕްލޭންތަކެއްކޮށް، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ވެސް ގޮތްތަކެއް ހަމަޖައްސައިދެވޭ ފަދައަކުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ ޝަރީއަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ