އައިފޯން-18 އިން އުންމީދުކުރަންވީ ކޮންކަމަކަށް؟

އެޕަލްއިން މިއަހަރު ފަހުކޮޅު ވެސް އައިފޯންގެ އައު ސީރީޒްއެއް ނެރޭނެ ކަމަށް ބޮޑަށް ބެލެވެއެވެ. މީގެ ތެރޭގައި އައު އައިފޯން 18 އާއި، 18 ޕްރޯގެ އިތުރުން، އެ ކުންފުނީގެ އެންމެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު ކަމަށްވާ "އައިފޯން އަލްޓްރާ" ހިމެނޭ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.
ގިނަބަޔަކު އައިފޯން 18 އާއި އޭގެ އައު އޮޕަރޭޓިން ސިސްޓަމް ކަމަށްވާ iOS 27 އަށް އިންތިޒާރު ކުރަމުންދާއިރު، އެކި ކަހަލަ މައުލޫމާތާއި އަޑުތައް ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް، އެޕަލްގެ އެތައް ހާސް އެތެރޭގެ ލިޔެކިޔުންތަކެއް ހެކްކޮށް ލީކުވުމާ ގުޅިގެން، އައިފޯން 18 ޕްރޯއާ ބެހޭ މައުލޫމާތުތައް އިތުރަށް ހާމަވާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ފޯނުގެ ބައިތައް ސަޕްލައިކުރާ ފަރާތްތަކާއި ކުރެވިފައިވާ ޓެސްޓުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ލިބިފައިވާ އެންމެ އިތުބާރު ހުރި އަދި ވުން އެންމެ ގާތް މައުލޫމާތުތައް އެއްތަނަކުން ތިރީގައި މިވަނީއެވެ.
އައިފޯން 18 ނެރޭނެ ތާރީޚާއި އަގު
ތިޔައީ އައު އައިފޯނެއް ގަންނަން ބޭނުންވާ ފަރާތެއް ނަމަ، ކަލަންޑަރުގައި ސެޕްޓެމްބަރު މަސް ފާހަގަކޮށްލާށެވެ. އެއީ ވަރަށް ކުރީއްސުރެ އެޕަލްގެ ބޮޑު އިވެންޓް ބާއްވާ މަހެވެ. އަދި 2026 ވަނަ އަހަރު އެޕަލްއިން އެކަން ބަދަލުކުރާނެ ކަމަށް ބެލެވޭ އެއްވެސް ސަބަބެއް ނެތެވެ.
އޭނާ ތައާރަފުކުރާ މި އައު ފޯނުތަކުގެ ސަބަބުން ތިޔަބޭފުޅުންގެ ޖީބަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެއެވެ. އޭއައި އިންޑަސްޓްރީގެ ސަބަބުން ކުރިމަތިވެފައިވާ ރެމްގެ ތަދުމަޑުކަމާ ހުރެ (މީގެ ސަބަބުން މީސްމީހުން މިކަމަށް "RAMageddon" އޭ ވެސް ކިޔައެވެ.)، ގިނަ އަދަދެއްގެ ސްމާޓްފޯންތަކާއި، ލެޕްޓޮޕްތަކާއި، ގޭމިން ކޮންސޯލްތަކުގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. "މޭޝަބަލް"އާ ވާހަކަދެއްކި މާހިރުން ބުނާ ގޮތުގައި މި އަގުތައް އުފުލުން އަދި އަވަހަކަށް ނުހުއްޓޭނެއެވެ.
ދުނިޔޭގެ އެއްވަނަ ސްމާޓްފޯން އުފައްދާ ކުންފުނީގެ ހައިސިއްޔަތުން، އެޕަލްއަށް އެހެން ކުންފުނިތަކަށްވުރެ ބައެއް ފައިދާތައް އޮތް ނަމަވެސް، އަގު ބޮޑުވުމަކީ ޔަގީން ކަމެކެވެ. އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ އެހެން ގޮތަކަށެވެ. އެޕަލްއިން މިއަހަރު ކުރީކޮޅު އައު މެކްބުކްތަކުގެ އަގު ބޮޑުކުރި ނަމަވެސް، 599 ޑޮލަރަށް ލިބޭ އަގުހެޔޮ ލެޕްޓޮޕެއް ތައާރަފުކޮށް ވިންޑޯޒް ކުންފުނިތަކަށް ބޮޑު ޕްރެޝަރެއް ދިނެވެ.
ނަމަވެސް، މަގާމުން ވަކިވާ އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އައިފޯންގެ އަގު ބޮޑުވާނެ ކަމަށް ތައްޔާރުވުމަށް އާދަޔާ ހިލާފު އިޝާރާތެއް ދެއްވާފައެވެ. "އަގު ބޮޑުވުމަކީ ނުވެ ނުދާނެ ކަމެއް،" ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ކުކް ވިދާޅުވިއެވެ. އެ ޖާނަލްގެ ދިރާސާއަކުން ދައްކާ ގޮތުގައި، އައިފޯން 18 ޕްރޯގައި ބޭނުންކުރާ މެމޮރީ ޗިޕްތަކަށް އެޕަލްއިން ކުރަންޖެހޭ ހަރަދު، އައިފޯން 17 ޕްރޯއަށްވުރެ 150 ޑޮލަރު އިތުރުވާނެއެވެ.
ވީމާ، ފޯނުގެ އަގު ބޮޑުވާނީ ހަމައެކަނި 150 ޑޮލަރުން ކަމަށް ހީކުރެވޭ ހެއްޔެވެ؟ އެއީ ހަމައެކަނި ހުވަފެނެކެވެ. އެޕަލްއަކީ ފައިދާ ހޯދަން މަސައްކަތްކުރާ ކުންފުންޏެއްކަމާއި، ސެމްސަންގަށްވުރެ އަގުބޮޑު ނަމަވެސް އައިފޯނަކީ ދުނިޔޭގެ އެއްވަނަ ފޯނުކަން ހަނދާންކުރަންޖެހެއެވެ.
އެޕަލްގެ ފޭނުންނަށް ކެތްކުރެވޭނީ ކިހާވަރެއްގެ އަގު ބޮޑުވުމަކަށް ހެއްޔެވެ؟ އެކަން ވަރަށް އަވަހަށް އެނގިގެންދާނެއެވެ. ނަމަވެސް ޖާނަލްއިން އަންދާޒާކުރާ ގޮތުގައި އައިފޯން 18 ޕްރޯގެ އަގު ހުންނާނީ 1,299 ޑޮލަރުގައެވެ. (މިއީ މިދިޔަ އަހަރަށްވުރެ 200 ޑޮލަރު ބޮޑު އަދަދެކެވެ.)
އައިފޯން 18 ގެ މޮޑެލްތައް
ޓާނަސްގެ ދަށުން ބޮޑު ބަދަލެއް ނާންނަނަމަ، އެޕަލްއިން ސެޕްޓެމްބަރު ފަހުކޮޅު ނުވަތަ އޮކްޓޯބަރު ކުރީކޮޅު އައިފޯން 18، އައިފޯން 18 ޕްރޯ، އަދި އައިފޯން 18 ޕްރޯ މެކްސް ނެރޭނެއެވެ. ހައިރާންކުރުވަނިވި އެއް ކަމަކަށް ވެދާނެ ކަމަކީ، އާދައިގެ އައިފޯން 18 މޮޑެލްތަކާއެކު އެޕަލްއިން ފަތްޖަހާލެވޭ އައިފޯނެއް ނެރުން ނުވަތަ އިއުލާން ކުރުމެވެ. އެ ފޯނަށް ކިޔާނެ ކަމަށް އަޑުފެތުރިފައިވަނީ އައިފޯން ފޯލްޑް ނުވަތަ އައިފޯން ފޯލްޑް އަލްޓްރާއެވެ. ނަމުގެ ގޮތުން ބަލާއިރު މިއީ ސީދާ އައިފޯން 18 އާއިލާގެ މެންބަރެއް ނޫނެވެ.
އައިފޯން 18 އަދި އައިފޯން 18 ޕްރޯގެ ޑިޒައިން
އަދިވެސް އެޕަލް އިން އައިފޯން 18 ސީރީޒްގެ އެއްވެސް ރަސްމީ ޓީޒާއެއް ނުވަތަ ފޮޓޯއެއް އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަންކަމަކީ ކުށް މައުލޫމާތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ލިބިފައިވާ ހުރިހާ ރިޕޯޓްތަކަށް ބަލާއިރު، ޑިޒައިންގެ ގޮތުން އެޕަލް އިން މާ ބޮޑު ބަދަލުތަކެއް ގެންނަ ކަމަކަށް ނުބެލެވެއެވެ. އެކަމަކު ހާޑްވެއާގެ މާހިރެއް ކަމަށްވާ ޓާނަސް، އެ ކުންފުނީގެ އިންޑަސްޓްރިއަލް ޑިޒައިން ގްރޫޕް އެޕަލްގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއަށް ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުސްތަގުބަލަށް ބަލާއިރު، އައިފޯން 20 އާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ބަނޑިކޮށްފައިވާ "ވޯޓަރފޯލް ޑިސްޕްލޭ" އެއް ހިމެނެއެވެ.
"ސީނެޓް" އިން ބުނާ ގޮތުގައި ސްކްރީންގެ ސައިޒުތައް ހުންނާނީ ގާތްގަނޑަކަށް މިދިޔަ އަހަރާ އެއްވަރަށެވެ.
ދެރައީ ކަޅު ކުލައިގެ އައިފޯންތަކަށް ލޯބިކުރާ ފަރާތްތަކަށް މިއަހަރުވެސް އެ ފުރުސަތު ނެތް ކަމަށް ބެލެވޭތީއެވެ.
އައިފޯން 18: އަޑުފެތުރިފައިވާ ހާޑްވެއާ ފީޗާތައް
މީގެ އިތުރުން، އާ އައިފޯންތަކުގައި ސެލިއުލާ ކަނެކްޓިވިޓީ ރަނގަޅު ކުރުމަށް އާ C2 މޮޑެމްއެއް ހުންނާނެ ކަމަށާއި، 5G ސެޓެލައިޓް ސަޕޯޓް ވެސް ހުރެދާނެ ކަމަށް ބެލެވެއެވެ. އަދި ވައިފައި ޕާފޯމަންސް ރަނގަޅު ކުރުމަށް އާ N2 ޗިޕެއް ހިމެނޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އައިފޯން 18 ޕްރޯއާ ގުޅޭ އެންމެ ފަހުގެ އަޑުތައް
އައިފޯން 18 ޕްރޯއާ މެދު މިހާރު ބެލެވެނީ، މި އަހަރު ނެރޭ ޕްރީމިއަމް އައިފޯން 18 މޮޑެލްތަކުގެ ބެޓެރީގެ ސައިޒު އެޕަލް އިން ބޮޑުކުރާނެ ކަމަށެވެ.
މީގެ އިތުރުން، ކެމެރާގެ ކަޓްއައުޓް ކުޑަވާނީ ހަމައެކަނި ބޭސް މޮޑެލްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބެލެވޭ ގޮތުގައި އައިފޯން 18 ޕްރޯގައި އެޕަލް އިން ބޭނުންކުރާނީ މިދިޔަ އަހަރުގެ އައިފޯން 17 ޕްރޯއިން ފެނުނު ފަދަ ބޮޑު ކެމެރާ ޕްލެޓޯއެކެވެ.
އައިފޯނާ ގުޅޭ އިތުބާރު ހުރި މައުލޫމާތު ފަތުރާ ބްލޫމްބާގްގެ މާކް ގާމަން ބުނާގޮތުގައި، ވަކިން ހާއްސަކޮށް އައިފޯން 18 ޕްރޯގައި "މި ސީރީޒްގެ ތާރީޚުގައިވެސް އައި އެންމެ ބޮޑު ކެމެރާ ހާޑްވެއާ އަޕްގްރޭޑްތައް" ފެންނާނެއެވެ.
ސަބަބަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ ކަމަކީ، ޓެލެފޮޓޯ ކެމެރާގެ އެޕަޗާ ބޮޑުވުމެވެ. ނަމަވެސް މިއަށްވުރެ މުހިންމީ "ވޭރިއަބަލް އެޕަޗާ" އެވެ.
މިސާލަކަށް، އައިފޯންގެ ޕޯޓްރެއިޓް މޯޑުން ފެންނަ މަޝްހޫރު "ބޯކޭ އިފެކްޓް" ސޮފްޓްވެއާގެ އެހީއާ ނުލައި ސީދާ ކެމެރާގެ ތެރެއިން އުފެއްދޭނެއެވެ. މީގެ ނަތީޖާއަކީ ފޮޓޯތައް މާ ގުދުރަތީ ގޮތަކަށް އަދި ރީތިކޮށް ފެނުމެވެ.
އޭއައި ސިރީއާ މެދު ބުނަނީ ކީކޭ ހެއްޔެވެ؟
އައިފޯން 18 އެއް ލިބުމުން ގިނަ ބަޔަކު އެންމެ ފުރަތަމަ ބަލަން ބޭނުންވާނެ އެއް ކަމަކީ، އޭއައި އާއެކު އާކޮށްލާފައިވާ ސިރީގެ ތަޖުރިބާ ހުރީ ކިހިނެއްތޯއެވެ.
މީގެ ޖަވާބަކަށް އަހަރެމެން އިންތިޒާރު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެޕަލް އިންޓެލިޖެންސްގެ އެހީގައި ހިންގާ މާވަރުގަދަ ސިރީއެއް ގެނެސްދޭނެ ކަމަށް އެޕަލްއިން ވައުދުވީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އެކަން ފުރިހަމަ ނުކުރެވުމުގެ ސަބަބުން ކުންފުންޏަށް ވަނީ ދައުވާތަކާ ކުރިމަތިލާން ޖެހިފައެވެ. (މި މައްސަލައިގައި ކުރެވުނު ދައުވާއެއް އެޕަލްއިން ވަނީ 250 މިލިއަން ޑޮލަރު ދައްކައިގެން ކޯޓުން ބޭރުގައި ހައްލުކޮށްފައެވެ.)
ޑަބްލިއުޑަބްލިއުޑީސީއަށް ފަހު، އެޕަލް އިންޓެލިޖެންސްއާ ބެހޭ ގޮތުން މިހާރު ގިނަ މައުލޫމާތުތަކެއް އެނގެއެވެ. ސްކްރީނުން ފެންނަ އެއްޗެއް ސިރީއަށް ދެނެގަނެވޭނެކަން އަހަރެމެންނަށް އެނގެއެވެ. ޖެމިނައިގެ އެހީގައި ސިރީ މާވަރުގަދަ ވާނެކަންވެސް އެނގެއެވެ. އަދި އެޕަލްގެ އިސްވެރިޔާ ކްރެއިގް ފެޑެރީގީ ވިދާޅުވި ގޮތުގައި، އޭއައި ސިރީއަކީ ތިޔަބޭފުޅުންނާ ވާހަކަދައްކައި ރައްޓެހިވާން އުޅޭނެ އެއްޗެއް ނޫނެވެ.
އެހެންކަމުން ކަން އޮތްގޮތަކީ މިއެވެ: އެޕަލްގެ އުފެއްދުމެއް ދެކެ ލޯބިވާން ބޭނުންވި ނަމަވެސް އޭގެ ޗެޓްބޮޓް ދޫކޮށް، މުޅިން އާ އައިފޯން 18 ދެކެ ލޯބިވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ