ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ފެށުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ކަހަލަ ހުރަސްތަކެއް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭކަން ވަަޒީރު ފާހަގަކުރެއްވިއެވެ.
"ރެޔާއި ދުވާލު ވިއްސާރަޔާއި އަވީގައި ޓޫރިސްްޓް ޓްރާންސްފަރ އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގުތައް އެބަ ފަހިކުރަންޖެހޭ. އެގޮތުން އަޅުގަނޑުމެން ހެލިކޮޕްޓަރު އިންޓްރޮޑިއުސް ކުރަން މި މަސައްކަތް ކުރަނީ. އެއީ، ސީޕްލޭން އޮޮޕަރޭޝަންތަކުގައި އެބަހުރޭ ރޭގަނޑުގެ ވަގުތުތަކުގައި ނުދުއްވޭ ރެސްޓްރިކްޝަންތަކެއް. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދެވަނަ އާރްއެފްޕީގެ މަސައްކަތް މިހާރު ކުރަމުން މިދަނީ." ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިކަމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތާއި ހިސާބަަށް ގޮސްފައިވާ ކަަމަށެވެ. އަދި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމަށް އަމާޒުކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތުގެ ތެރެއިން ސާރޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތްވެސް ދޭނެ ކަމަށެވެ. އަދި ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްދާނީ، މި ޚިދުމަތުގެ ކޮމާޝަލް ބައެއްގެ ގޮތުގައި ކަމަށްވެސް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޞިއްޙީ ކުއްލި ޙާލަތްތަކުގައި ދޭ ޚިދުމަތްތަކަށް ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.
މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ، 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ