ގަވާއިދާ ހިލާފު ކަމެއް ނުކުރަން، ގައުމުގެ އިސްވެރިން ވާހަކަ ދައްކާއިރު ވިސްނާލަން ޖެހޭ: އަމީރު

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ގައުމުގެ އިސްވެރިން މިފަދަ ވާހަކަ ދައްކަވާއިއިރު ވިސްނާލަންޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ހަރަދު ރެކޯޑްކޮށްފައި ނުވާ ކަަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ.
އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ލިބުނު ފައިސާއާ އެ ފައިސާ ހަރަދުކުރި ގޮތް އަދި ލިބުނު ތަކެތީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ. ސިޔާސީ ވާހަކަ ދައްކާއިރު (މަޖިލީހުގައި ނުވަތަ ޕާޓީ ހަރުގެތަކުގައި) އެފަދަ މޭރުމަކުން ވާހަކަ ދެއްކިނަމަވެސް ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ވާހަކަދައްކަވާއިރު ކޮންމެސް ހަމައެއް ހިފަހައްޓަވަންވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުގައި އަމީރު ހުންނެވިއިރު ރާއްޖޭގެ ގާނޫނު އަސާސީ އަދި މާލިއްޔަތު ގަވާއިދާ ހިލާފުކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް ކުރައްވާފައިވާ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހުރިހާ މުއާމަލާތެއް ވެސް ކޮށްފައި ވާނީ ކުރިން ވެސް ކުރަމުން އަންނަ އުސޫލުގެ ދަށުން ހެދިފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސްގެ ތެރެއިން ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ފިނޭންސް މިނިސްޓްރީއިން ޝާއިއުކުރަމުންދިޔަ ވީކްލީ ފިސްކަލް ރިޕޯޓް ޖޫން މަހުގެ ފަހުން ޝާއިއުކޮށްފައިނުވާކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދު ހިގާގޮތް ނޭނގޭ ކަމަށެވެ. އަދި ދައުލަތުގެ ހަރަދު ހިނގާ ގޮތް ދެނެގަތުމަށްޓަކައި މި ރިޕޯޓްތައް ނެރުން އަަވަސް ކުރަންޖެހޭ ކަމުގައި އަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ