ސްރީލަންކާގެ ދެކުނު ސަރަޙައްދުގެ ކަނޑުން 376 ކިލޯ ޑްރަގާއެކު ދަތުރުކުރި ބޯޓެއް އަތުލައި، 6 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޭވީން ބުނެފިއެވެ.
ލަންކާގެ ނޭވީން ބުނިގޮތުގައި މަސްތުވާތަކެތި އުފުލަމުން ދިޔަ ދިގު ދަތުރުކުރުމުގެ ގާބިލުކަން ހުރި މި މަސްބޯޓު އަތުލައިގެންފައި ވަނީ ނޭވީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
376 ކިލޯގެ މަސްތުވާތަކެތީގެ ބަސްތާތަކާއެކު ބޯޓުގައި ތިބި ހަ މީހުންނާއި ބޯޓު މި މަހުގެ 20 ވަނަ ދުވަހު ވަނީ ސްރީލަންކާގެ ތަންގައްލޭ މަސްބަނދަރަށް ވައްދާފައިކަމަށް ސްރީލަންކާގެ ނޭވީން ބުންޏެވެ.
ތަންގައްލޭ މަސް ބަނދަރުގައި ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީ.އެން.ބީ.) އިން ހިންގި ތަޙުޤީޤުތަކުން ކަށަވަރުވި ގޮތުގައި، ނޭވީން ހިފެހެއްޓި މަސްތުވާތަކެއްޗަކީ 376 ކިލޯ ހިމެނޭ، 261 ކިލޯއަށް ވުރެ ގިނަ މެތެމްފެޓަމިން (އައިސް) އާއި 115 ކިލޯއަށް ވުރެ ގިނަ ހެރޮއިން 18 ބަސްތާގައި ހުރި ތަކެތި ވަނީ އަތުލާފައެވެ. މަސްތުވާތަކެތީގެ އިތުރުން އެއް ރިވޯލްވަރާއި، އެއް ފިސްތޯލާއި، ދެ މެގަޒިން އާއި، އެއް ސެޓެލައިޓް ފޯނެއް ވެސް ނޭވީން ވަނީ މި ބޯޓުން ހޯދާފައެވެ.
ލަންކާގެ ދިފާޢީ ވަޒީރުގެ ނާއިބު، މޭޖަރ ޖެނެރަލް އަރުނާ ޖަޔަސެކަރަ (ރިޓަޔަރޑް) އާއި ނޭވީގެ ކޮމާންޑަރ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޯދަ ވަނީ ހިފެހެއްޓި މަސްތުވާތަކެއްޗާއި އެހެނިހެން ތަކެތި ބައްލަވާލައްވާފައެވެ.
އެތަކެތި ބައްލަވާލެއްވުމަށްފަހު ދިފާޢީ ވަޒީރުގެ ނާއިބު އަރުނާ ޖަޔަސެކަރަ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރަކާތްތައް މުޅި ޤައުމަށް ފުޅާކޮށް، ވަރުގަދަކުރަމުންދާ ކަމަށެވެ.
ލަންކާއިން ކަނޑައަޅާފައިވާ "މަސްތުވާތަކެތިން މިނިވަން ގައުމެއް - ސިއްޙަތު ރަނގަޅު ރައްޔިތެއް" އަމާޒަށް އަލިއަޅުވާލައްވަމުން އޭނާ ވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިފަދަ ޖަރީމާތައް ހިންގާނެ ފުރުސަތެއް ނޯންނާނެކަމުގެ އިންޒާރު ދެއްވައި، މުޖުތަމަޢަށް ނުރައްކާތެރި މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން މަސްތުވާތަކެތީގެ ނުރައްކާ މުޅިން ނައްތާލުމުގެ މަޤްޞަދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި، ޤައުމީ މިޝަން ކާމިޔާބީއާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތައް މިނިވަންކަމާއެކު ހަރަކާތްތެރިވެ، މުހިންމު ކާމިޔާބީތަކެއް ހާސިލްކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިފާޢީ ވަޒީރުގެ ނާއިބު އަރުނާ ޖަޔަސެކަރަ އިތުރަށް ވިދާޅުވީ، ލަންކާގެ ރައީސްގެ އިރުޝާދުގެ ދަށުން ދިފާއީ ވުޒާރާގެ ބެލުމުގެ ދަށުގައި މަސްތުވާތަކެއްޗާއި ކުށްވެރި ޖަމާޢަތްތައް ނައްތާލުމަށް ސްޓްރެޓީޖިކް ރޭވުމެއް ހިންގަމުންދާ ކަމަށެވެ. މި ރޭވުމުގެ ދަށުން ހުރިހާ އިންޓެލިޖެންސް ޚިދުމަތްތަކާއި، އަސްކަރީ ބާރުތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތައް - ލަންކާ އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން - އެއްބައިވެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ހަރުދަނާ ގުޅުމެއް، ޚާއްސަކޮށް ނޭވީ އާއި ކޯސްޓްގާޑާއި ފުލުހުންގެ މެދުގައި އުފެދިފައިވާތީ، ފާއިތުވި މަސްތަކުގައި ކަނޑުމަތީގެ ޖަރީމާތަކާ ދެކޮޅަށް ގިނަ ކާމިޔާބު އޮޕަރޭޝަންތަކަކާއި ހައްޔަރުކުރުންތަކެއް ހިންގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި ހިފެހެއްޓުނު ތުހުމަތުކުރެވޭ މީހުންނާއި މަސްތުވާތަކެއްޗާއި ހަތިޔާރާއި ބޯޓު މިހާރު ވަނީ އިތުރު ތަޙުޤީޤުތަކާއި ޤާނޫނީ ފިޔަވަޅުތަކަށްޓަކައި ޕީ.އެން.ބީ.އާ ހަވާލުކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ލަންކާގެ ދެކުނު ކަނޑުން 376 ކިލޯ ޑްރަގާއެކު ބޯޓެއް އަތުލައިގެންފި، ހަތިޔާރު ވެސް ފެނުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ