ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް އާއި ކުއީންސް އަށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް އާއި ކުއީންސް އަށް

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ކުއީންސް ބާސްކެޓްބޯލް ކްލަބުން ކާމިޔާބުކޮށްފި އެވެ.
މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދި ކުއީންސް އާއި ޓީރެކްސް އިން ރޭ ކުޅުނު ފައިނަލްތަކުގައި ވަނީ ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބު ހޯދައިފަ އެވެ.
އެ ގޮތުން، ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، ކިންގްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް ޓީރެކްސް އިން ކުރިހޯދީ 77-74 ޕޮއިންޓުންނެވެ. އަދި، އަންހެން ޑިވިޝަނުގެ ފައިނަލުގައި، މިސްޓިކްސް ބާސްކެޓްބޯލް ކްލަބް އަތުން ކުއީންސް މޮޅުވީ، 71-66 ޕޮއިންޓުންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި، ފުރަތަމަ ކުއާޓަރުގައި، ޓީރެކްސް އިން ރަނގަޅަށް ފަށައިގެން ފަސް ޕޮއިންޓުގެ ލީޑަކާ އެކު ނިންމާލި އެވެ. އެކަމަކު، ދެ ވަނަ ކުއާޓަރުގައި ފެނިގެންދިޔައީ، ކިންގްސްގެ ރަނގަޅު ހިތްވަރަކާ އެކު އެނބުރި އައިތަނެވެ. މި ކުއާޓަރު ކިންގްސް އިން ނިންމާލީ ރަނގަޅު ފޯމެއްގަ އެވެ. އެހެން ނަމަވެސް ތިން ވަނަ ކުއާޓަރުގައި ޓީރެކްސް އިން ވަނީ ރަނގަޅު ފައިޓެއް ދީ އަލުން މެޗުގެ ތެރެއަށް ރަނގަޅަށް ވަދެފަ އެވެ.
އަދި، ފަހު ކުއާޓަރުގައި ޕްރެޝަރު ވަގުތުތަކުގައި ތަފާތު ދައްކައި ޓީރެކްސް އިން މެޗުން މޮޅުވީ އެވެ. މެޗުގައި، ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިިދިނީ، މަފާޒް މުހައްމަދު އެވެ. އަދި، ޓީރެކްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، އައިކް އަހުމަދު މައުރޫފް އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި، މިސްޓިކްސް އިން ފެށީ ރަނގަޅަށެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު، އެ ޓީމު ލީޑުގައި އޮތީ 13-16 އިންނެވެ.
އެކަމަކު، ދެ ވަަަނަ ކުއާޓަރުގައި، ކުއީންސް އިން ރަނގަޅު ފޯމެއްގައި ކުޅެ، ނަތީޖާ އަނބުރާލި އެވެ. ތިން ވަނަ ކުއާޓަރުގައި މިސްޓިކްސް އިން ކުޅުން ރަނގަޅުކޮށް، އަލުން ރަނގަޅު ވާދައެއްގައި ކުޅުނުއިރު، ފަހު ކުއާޓަރުގައި ކުއީންސް އިން ތަޖުރިބާގެ ތަފާތު ދައްކައި މެޗުން މޮޅުވީ އެވެ.
މެޗުގައި، ކުއީންސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އައިމިނަތު ޝިއުރާ އެވެ. އަދި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މިސްޓިކްސްގެ ސާރާ ޒާޝާ ޒަކަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ