އެއްބާވަތެއްގެ ޢަމަލަކީ އެކަމެއްގެ ސަބަބުން ކޮންމެ ދުވަހަކު ތިމާއަށް ޘަވާބު އިތުރުވެ ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުވެވޭނެ ޢަމަލުތަކެވެ. އަނެއް ބާވަތީ އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު ނަރަކައިގެ އަޑިއަށް ފެތެމުންދާނެ ޢަމަލުތަކެވެ. މީގެ ތެރެއިން ދައްކަން މިއުޅެނީ ފަހުން މިބުނި ތިމާއަށް ގެއްލުން ބޮޑު ޢަމަލުތަކުގެ ވާހަކައެވެ.
ތިމާގެ ކެރޭކަމާ ކާމިޔާބުކަމާ މޮޅުކަން ދައްކައި ވީހާ ގިނަ ލައިކް ހޯދަން އުޅޭ ވަރަކަށް ނަރަކައިގެ އަޑިއަށް ގެނބޭނެ މީހުން ދަނީ ގިނަވެ އިތުރުވަމުންނެވެ. އެކަމުގެ ތަފްޞީލް ފަހުން ބުނާނަމެވެ.
ފައުޅުގައި ފާފަކުރަން ނުކުރޭ ނުވަތަ ކުރާ ފާފަ ފައުޅުކުރަން ނުކެރޭ މީހާއާއިމެދު މިހާރު ދެކެނީ އޭނާއަކީފިނޑި މީހެއްގެ ގޮތުގައެވެ. ޒަމާނަށް ނުފެތޭ ކަޓު މީހެއްގެ ގޮތުގައެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ލަދުވެތިކަން ނެތިގެން ދިއުމަކީ ނުވަތަ ލަދު ޙަޔާތް ކެނޑުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމުގައެވެ.
މިއަދު މަގުމަތިން މިފެންނަ މަންޒަރުތަކާއި ފިލްމްތަކުން އެނގެނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ލަދު ހަޔާތް ނެތެމުންދާ ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ސިއްރުން ފާފަތައް ކުރުން ޢާންމު ކަމަކަށްވެފައިވާއިރު ޢާންމުންނަށް ފެންނަގޮތަށް ދައްކައިގެން ފާފަކުރަން ޖެހިލުންވާ މީހުންވެސް މިދަނީ އިތުރުވަމުންނެވެ. އެކަމުން އެނގެނީ ޤިޔާމަތްވުން ކައިރިވެފައިވާ މިންވަރެވެ!
"މުޖާހިރޫން"ގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. "މުޖާހީރުން" ނަކީ ކޮބައިތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެއީ އެމީހުން ރޭގަނޑު ސިއްރުން ކުރާ ފާފަތައް ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް ދުވާލުވުމުން ފަޚުރުވެރިކަމާއިއެކު މީސްތަކުންނަށް ފައުޅުކުރާ މީހުން ކަމަށެވެ.
އެމީހުން އެކުރާ ކަމަކީ އެމީހުން ކުރި ފާފަ ﷲ ތަޢާލާ ފަރުދާ ކުރައްވަވާފައިވަނިކޮށް އެފާފަތައް ކުރެވުނީތީ އަމިއްލައަށް ފަޚުރުވެރިވެ، ބޮޑާވެ މީސްތަކުންނަށް ފައުޅުކުރުމެވެ. އެފަދަ މީހުންނަކީ އެއްވެސް ޙަޔާތެއް (ލަދުވެތިކަމެއް) ނެތް މީހުންނެވެ. ސިއްރުން ކުރާ ފާފަތައް އަމިއްލައަށް ސޯޝަލް މީޑިއާގައި ހާމަކުރުން މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. ފަޚުރުވެރިކަމާއިއެކު ރައްޓެހިން ގާތު ދެއްކުން ވެސް މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ.
އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރުމުން ލިބޭ ލައިކް ގިނަވީނަމަވެސް އެއީ އިންތިހާއަށް ބިރުހުރި ކަމެކެވެ. އެހެނީ ލައިކް ގިނަވާ ވަރަކަށް އެމީހަކަށް އެދެވެނީ ނަރަކަ އާއި ގާތްވެވެމުންނެވެ. ނަރަކައިގެ ތެރެއަށް ވަދެވެމުންނެވެ.
މިފަދަ އަމަލުތައް ކުރާމީހުން ދަރުސް ފަށަމުން ބަޔާންކުރި ޙަދީޘްފުޅާއިމެދު ވިސްނައިވެސް ނުލައެވެ. ފަހަރެއްގައި މިކުރެވެނީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން ނުއެނގެނީ ކަމަށްވެސް ވެދާނެއެވެ.
ތިމާގެ ކެރޭކަމާ ކާމިޔާބުކަމާ މޮޅުދައްކައި ވީހާ ގިނަ ލައިކް ހޯދަން އުޅޭ ވަރަކަށް ނަރަކައިގެ އަޑިއަށް ގެނބޭނެ މީހުން ދަނީ އިތުރުވަމުން ކަމަށާއި އެކަމުގެ ތަފްޞީލް ފަހުން ކިޔައިދޭނެ ކަމަށް ބުނީމެއް ނޫންހެއްޔެވެ؟
މިޗާޓަށް ބަލާށެވެ. ތިބާ ގެ ކެރޭކަމާ ކާމިޔާބުކަމާ މޮޅުކަން ދައްކައި ވީހާ ގިނަ ލައިކް ހޯދަން ތިބާ 2000 ވަނަ އަހަރު ހާމަކުރި 10 ފޮޓޯ އާއި 56 ވީޑިއޯއެވެ. ކޮންމެ އަހަރަކުވެސް އިތުރު މީހުން ބަލައެވެ. ފުރަތަމަ އަހަރު ބެލީ ޖުމުލަ 1000 މީހުން ކަމަށްވެދާނެއެވެ. 2000 ވަނަ އަހަރު އެކަނިވެސް އިތުރު 100،000 މީހުން ބެލިއެވެ. 2021 އަހަރު ނިމޭއިރު އިތުރު 20،0000 މީހުން ބެލުންވެސް ހަމަ ވަރަށް ގާތެވެ. ބިލާ ކޮންމެ މީހަކާ، ޝެއާކުރި ކޮންމެ މީހަކުގެ ކިބައިން ބެލި މީހުންނާ މިހެން ގޮސް ތިބާ ކުރި ފާފަ އާއިގުޅިގެންދާ ކޮންމެ މީހެއްގެ ސަބަބުން ތިބާ ދާނީ ފާފަވެރިވަމުންނެވެ. ޤިޔާމަތާއި ހަމައަށްވެސް އެކަން އެގޮތަށް ކުރިއަށްދާނެއެވެ. ކޮންމެ އަހަރެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ދުވަހަކުމެ އެދެވެނީ ހަމަ ނަރަކައިގެ އަޑިއަށް ގެނބެވެމުން ނޫން ހެއްޔެވެ؟
--ޑރ. ޔާސިރް ޤާޟީގެ ދަރުސަކުން
    
    އަހުރެންގެ މިއަޑު ނުއަހައިފިނަމަ ދިރިހުއްޓައިވެސް އަދި މަރުވުމަށްފަހުގައިވެސް ކޮންމެ ދުވަހަކުވެސް ތިބާދާނީ ނަރަކައިގެ އަޑިއަށް ގެނބެމުން!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ