އައްޑޫ ސިޓީ މީދޫއިން ބޮޑު ބިމެއް ދިނީ ގާނޫނީ އެއްގޮތަށް އިއުލާންކޮށްގެން ނަމަ، އެ އިއުލާން ދައްކާ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިން އިސްތިއުފާ ދެއްވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެ އެވެ.
ބިޑަކާ ނުލައި އައްޑޫ ސިޓީ މީދޫ ޓޫރިޒަމް ޒޯނުގެ ބިމުން ބޮޑުބައެއް ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އައްދު ވަނީ ހުށަހަޅުއްވާފަ އެވެ. ގަވާއިދާ ހިލާފަށް މީދޫ ޓުއަރިޒަމް ޒޯނުން ބޮޑު ބިމެއް ދިނުމަށް ނިންމާފައިވަނީ 'ސަންވިލް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކަށް ކަމަށް އައްދު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
އެގޮތުން މީދޫ ޓުއަރިޒަމް ޒޯނުން 17،500 އަކަފޫޓުގެ ތިން ބިން ކަމަށްވާ ޕްލޮޓް ނަންބަރު B1, C5, C4 އެ ކުންފުންޏަށް އެއްކޮށް ދީފައިވާ ކަމަށް އައްދު ވިދާޅުވި އެވެ. އަދި މި ތިން ބިން އެއްކޮށް، މި ތަންތަން ހިމަނައިގެން ޖުމްލަ 6000 އަކަމީޓަރު ކުއްޔަށް އަދި އެއާއި އިންވެގެންވާ ބިމާ އެކީ އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑުބިން ކައުންސިލުން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އައްޑޫ ކައުންސިލްގެ ރަސްމީ ޖަލްސާގައި އިއްޔެ ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްދު ތުހުމަތުކުރާ ބިމަކީ ބޮޑުކޮށް ޑިވެލޮޕްކުރާ ގޮތަށް ބަދަލުކޮށްފައިވާ ބިމެއް ކަމަށާއި އެކަން ކޮށްފައިވަނީ ކައުންސިލަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ. އަދި ބިން ދޫކުރުމުގެ ކަންތަކުގައި މެންބަރު ހިތްހަމަނުޖެހުން އެއީ ކައުންސިލުގެ މައްސަލައެއް ނޫން ކަމަށާއި މެމްބަރު ހިތްހަމަޖެހިވަޑައިނުގަތުމަކީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެންވުން ނޫން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ނިޒާރަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ މީދޫ އިން 6000 އަކަމީޓަރު (64583 އަކަފޫޓު)ގެ ބިން ދީފައި ވަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް އިއުލާނުކޮށްގެން ނަމަ، އެ އިއުލާން މޭޔަރު ނިޒާރު ދައްކާ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތައް ދޫކުރުމުގައި އަމަލު ކުރަންޖެހެނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށްވާއިރު، އެ ގައިވާއިދުގައިވާ ގޮތުން ކައުންސިލެއްގެ އިހްތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުން އާންމުކޮށް އިޢުލާނު ނުކޮށް ބިމެއް ދޫކުރެވޭނީ ގަވާއިދުގައި ތަފްސީލު ދެވިފައިވާ ގޮތަށް ހަމައެކަނި ވަކި ބޭނުންތަކަކަށް ކަމަށް އައްދު ވިދާޅުވި އެވެ.
އަދި މިގޮތުން އިއުލާން ކުރުމެއް ނެތި ބިން ދޫކުރެވޭ ހަމައެކަނި ހާލަތްތަކަކީ އެކި ބޭނުންތަކަށް ދައުލަތުގެ އިދާރާތަކަށް ދޫކުރާ ބިންތަކާއި އާންމު އިޖުތިމާޢީ ބޭނުމަށް ދޫކުރާ ބިންތަކާއި އާންމު ޚިދުމަތްތަކަށް ދޫކުރާ ބިން ތަކާއި ދައުލަތުގެ އިދާރާއަކާއި ގުޅިގެން ބޭރު ޤައުމެއްގެ އެމްބަސީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާގެ އިދާރާއެއްގެ ބޭނުމަށް ދޫކުރާ ބިންތަކާއި އޮޑިވަޅު ބިންތައް ދޫކުރުން އަދި މި ފަސް ހާލަތަށް ފެތޭގޮތަށް ދުކުރެވޭ ބިންތައް ކަމަށްވެސް ވިދާޅުވި އެވެ.
"މި ފަސް ހާލަތަށް ފެތޭގޮތަށް ފިޔަވައި ކައުންސިލެއްގެ އިހްތިސާސް ތެރޭގައި ހިމެނޭ ސަރަހައްދުން އާންމުކޮށް އިޢުލާނު ކުރުމެއް ނެތި އެންމެ އަކަފޫޓު ދޫކުރުމުގެ ޤާނޫނީ ބާރުވެސް އެއްވެސް ކައުންސިލަކަށް ލިބިގެން ނުވޭ،" އައްދު ވިދާޅުވި އެވެ.
އައްދު ވަނީ އެގޮތަށް ބިން ދޫކުރާނަމަ އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަދި ބިމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި ހިލާފަށް ދޫކުރެވޭ ބިމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައްދު، ނިޒާރަށް: ބިން ދިނީ ގާނޫނާ އެއްގޮތަށްކަން ދައްކާ، އިސްތިއުފާ ދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ