'ނޯ އެންޓްރީ 2'އިން ވަރުން ވަތްކެއް ނުވޭ

މި އަހަރު ތެރޭ ޝޫޓިން ފަށާން ތައްޔާރުވަމުން އަންނަ ބޮލީވުޑް ފިލްމު "ނޯ އެންޓްރީ 2"ގެ ކާސްޓުންގެ ތެރޭ ހިމެނޭ އެކްޓަރު ވަރުން ދަވަން އެ ފިލްމުން ވަކިވުމާ ގުޅޭގޮތުން މީޑީއާގައި ދެކެވޭ ވާހަކަތައް ޕްރޮޑިއުސަރު ބޮނީ ކަޕޫރު ދޮގުކޮށްފިއެވެ. އިންޑިއާ ޓުޑޭއަށް މައުލޫމާތު ދެމުން ބޮނީ ބުނީ، ވަރުންއަކީ ފިލްމު "ނޯ އެންޓްރީ 2" އެންމެ މުހިއްމު ލީޑް ތަރިންގެ ތެރޭ ހިމެނޭ އެކްޓަރެއް ކަމަށާއި ވަރުންގެ އިތުރުން ދަރިފުޅު އަދި އެކްޓަރު އަރުޖުން ކަޕޫރު ވެސް އެއީ ފިލްމުގައި ހިމެނޭ މުހިއްމު އެކްޓަރެއް ކަމަށެވެ. ވަރުންއާއި އަރުޖުން ފިލްމުގައި ފެންނާނެކަމުގެ ޔަގީންކަން ދެމުން ބޮނީ ބުނެފައިވަނީ އެ ފިލްމުގެ ތިންވަނަ އެކްޓަރަކަށް ގެންނާނެ ފިލްމީ ތަރިއަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ތިންވަނަ އެކްޓަރަކު ފިލްމަށް ލިބުމާ އެކު ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބޮނީ ވަނީ ބުނެފައެވެ. ފިލްމު "ނޯ އެންޓްރީ 2"ގެ ލީޑް ތަރިން ކަމަށްވާ އަރުޖުން ކަޕޫރު، ވަރުން ދަވަން އަދި ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ ވަރުން ފިލްމު "ނޯ އެންޓްރީ 2"އިން ވަކިވިކަމުގެ އަޑުތަކެއް ފެތުރުނީ އެ ފިލްމުގެ ޓީމުގައި ހިމެނުނު އެކްޓަރު އަދި ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖް ފިލްމުން ވަކިވުމާ ގުޅިގެންނެވެ. ދިލްޖީތު ފިލްމުން ވަކިވީ އޭނާ ސޮއިކޮށްފައިވާ އެހެން ޕްރޮޖެކްޓްތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ފިލްމު "ނޯ އެންޓްރީ 2"އަކީ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ލިޔެ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމަކީ 2005 ވަނަ އަހަރު އަނީސް ގެނެސްދިން "ނޯ އެންޓްރީ"ގެ ސީކުއަލްއެކެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ، އަނިލް ކަޕޫރު، ސަލްމާން ޚާން، ފަރުދީން ޚާން، ލާރާ ދައްތާ، ބިޕާޝާ ބާސޫ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިޓްލީއެވެ. ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ ދެވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ދަރުމާގެ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ