ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 16) - އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް އެމެރިކާގައި ކުޅޭ ސިޓީތައް ބަދަލުކުރަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރެއް ދެއްވުމާ އެކު، ފީފާ އިން އެކަން އޮޅުންފިލުވައިދޭން ޖަވާބު ދޭން ޖެހިއްޖެ އެވެ.
ފީފާ އިން މިހާރު އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން، އަންނަ އަހަރުގެ ޖުލައި މަހު 19 ވަނަ ދުވަހު، ވޯލްޑް ކަޕް ފަށާނީ އެމެރިކާގެ ނިއު ޖާޒީގަ އެވެ. އެކަމަކު، މުބާރާތް ފަށަން ނުވަ މަހަށް ކުޑަތަންވެފައިވަނިކޮށް، ޓްރަމްޕް ވަނީ މެޗުތައް ކުޅޭ އެމެރިކާގެ ސިޓީތައް ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރެެއް ދެއްވައިފަ އެވެ. އެއީ، ވެރިކަންކުރާ ޕާޓީ އަށް ތަރުހީބު ބޮޑު ސިޓީތަކުގައި މެޗުތައް ކުޅޭ ގޮތަށް އިސްކަންދޭނެ ކަމަށް ބުނެ، ވާހަަކަ ދައްކަވައިގެންނެވެ.
"ބަޔަކު ކުރަން ޖެހޭ ކަންކަން ގޯސްކޮށް ކުރަންޏާ ނޫނީ ރަނގަޅު ހާލަތެއް ނެތިއްޔާ، އަހަރެން ޖިއާނީ (ފީފާގެ ރައީސް އިންފަންޓީނޯ) އަށް ގުޅާނަން، އެއީ ވަރަށް އާދަޔާހިލާފު މީހެއް. އަހަރެން އޭނަ ގާތުގައި ބުނާނަން. ހިނގާށޭ މެޗުތައް އެހެން ދިމާލަކަށް ބަދަލުކުރަން. އޭނަ އެކަން ކުރަން ނުރުހުނަސް، ވަރަށް ފަސޭހައިން އެކަން ކޮށްދޭނެ،" ކެބިނެޓް ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
މިއީ، ސިޔާސީ ނުފޫޒު ގަދަކުުރުމަށް ޓްރަމްޕް ދެއްވި އިންޒާރެއް ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރުމާ އެކު، ފީފާގެ ތަރުޖަމާނު ވަނީ ވަގުތުން ބަޔާނެއް ނެރެ ކަންކަން އޮތްގޮތް އޮޅުންފިލުވައިދީ ޖަވާބުދާރީވެފަ އެވެ.
"އާންމުންގެ ރަައްކަލަށްޓަކައި މެޗުތައް ބާއްވާނެ ތަނެއް ކަނޑައެޅުމުގެ އިހުތިޔާރު މި އޮންނަނީ އެ ގައުމެއްގެ ސަރުކާރަަކަށް. ފީފާގެ އުންމީދަކީ މިހާރު ވެސް ވޯލްޑް ކަޕް ބާއްވަން ކަނޑައަޅާފައި އޮތް 16 ސިޓީގައި ރޭވިފައި އޮތްގޮތަށް ކަންކަން ވެގެންދިއުން. އޭރުން 2026 ގެ ވޯލްޑް ކަޕް ކާމިޔާބު ވެގެންދާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ގިނަ މެޗުތައް ކުޅޭނީ އެމެރިކާގަ އެވެ. މުބާރާތް ބާއްވާ 16 ސިޓީގެ ތެރެއިން 11 ސިޓީ ނިސްބަތްވަނީ އެމެރިކާ އަށެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، 2028 ވަނަ އަހަރުގެ އޮލިމްޕިކްސް ވެސް ހޯސްޓްކުރަނީ އެމެރިކާގަ އެވެ. އެ ގޮތުން، އޮލިމްޕިކްސް ބާއްވަނީ ލޮސް އެންޖެލްސްގަ އެވެ.
ޓްރަމްޕްގެ އިންޒާރަކާ އެކު ފީފާ އިން ޖަވާބުދޭން ޖެހިއްޖެ ޓްރަމްޕްގެ އިންޒާރަކާ އެކު ފީފާ އިން ޖަވާބުދޭން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ