ލަންޑަން (އޮކްޓޫބަރު 16) - ކޮމަންވެލްތު ގޭމްސް، 2030 ވަނަ އަހަރު އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރަން ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގޮތުން، އަހުމަދުއާބާދުގައި، 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބާއްވައިފިނަމަ އެ ވެގެންދާނީ 20 އަހަރު ތެރޭ މި ކުޅިވަރު ހަރަކާތް އިންޑިއާގައި ބާއްވާ ދެ ވަނަ ފަހަރަށެވެ. އިންޑިއާ އިން ވަނީ 2010 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ނިއު ދިއްލީގައި ކުރިއަށްގެންގޮސްފަ އެވެ.
ކޮމަންވެލްތު ގޭމްސްގެ އިވެލުއޭޝަން ކޮމިޝަނުން މިހާރު ވަނީ، ފަސް އަހަރަށް ފަހު، އޮންނަ ކޮމަންވެލްތު ގޭމްސް އަހުމަދުއާބާދުގައި ބާއްވަން ރުހުންދޭ ގޮތަށް ނިންމައިފަ އެވެ. އަދި، އެ ގޮތަށް ފާސްކުރެވިގެންދާނީ، ނޮވެމްބަރު 26 ވަނަ ދުވަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ޖެނެރަލް އެސްމްބްލީގަ އެވެ.
އިންޑިއާގެ ކުޅިވަރު ސިޓީއެއްގެ ގޮތުގައި ޑިވެލޮޕްކުރަމުން އަންނަ އަހުމަދުއާބާދަކީ މި ވަގުތަށް ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑު ކުްރިކެޓް ސްޓޭޑިއަމް އަޅާފައިވާ ސިޓީ އެވެ. އެ ގޮތުން، އަހުމަދުއާބާދުގެ، ނަރެންދުރަ މޯދީ ސްޓޭޑިއަމް އަކީ، 132،000 މީހުންގެ ޖާގައިގެ ދަނޑެކެވެ.
ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން އޮފް އިންޑިއާގެ ރައީސް، ޕީޓީ އުޝާ ވިދާޅުވީ، އިންޑިއާ އަށް 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެ ގައުމުގެ ކުޅިވަރު އިތުރު ހަރުފަތަަކަށް ގެންދަން މިހާރުން ފެށިގެން މަސައްކަތް ފަށަން ޖެހޭ ކަމެއް ކަމަށެވެ.
ނައިޖީރިއާގެ އަބޫޖާގައި 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓްކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމާ އެކު، ދެ ވަނަ ފަަހަރަށް އެ ޓީމު އަތުން މި ފުރުސަތު ގެއްލުނީ އެވެ. އެ ގޮތުން، 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް، އަބޫޖާގައި ހޯސްޓްކުރަން ކުރި މަސައްކަތް ނާކާމިޔާބުވިއިރު، އެ ފަހަރު ގޭމްސް ހޯސްޓްކުރީ ސްކޮޓްލެންޑްގެ ގްލާސްގޯގަ އެވެ. އަންނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އޮތީ ވެސް ގްލާސްގޯގަ އެވެ. އެއީ، އޮސްޓްރޭލިއާގެ ސްޓޭޓް އޮފް ވިކްޓޯރިއާގަައި އެ ގޭމްސް ބޭއްވެން ނެތް ކަމަށް ނިންމުމުންނެވެ.
އެންމެ ފަހުން، ކޮމަންވެލްތު ގޭމްސް އޮތީ 2022 ވަނަ އަހަރު އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ބާމިންހަމްގައި ބާއްވަން ނިންމީ، ދެކުނު އެފްރިކާގެ ޑާބަންގައި އެ މުބާރާތް ހޯސްޓްކުރެވޭ ގޮތް ނުވުމުންނެވެ.
އިންޑިއާ އަށް 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު އިންޑިއާ އަށް 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ