ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުންކުރެއްވި ފޯނެއްގެ ޑޭޓާތަކެއް އެކީ އެކަށް މި ވަނީ އެކްސްގައި ލީކްކޮށްލައިފަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ޖުބްރާން ޝަރީފްގެ ނަމުގައި އެކްސްގައި ހިންގާ މި އެކައުންޓުން އިއްޔެ ލީކްކޮށްލީ، އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ، 'ފަރަޑޭ ފޮރެންސިކްސް'އިން އަދީބު ގެންގުޅުނު ފޯނަކުން 2015 ވަނަ އަހަރު ނަގާފައިވާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ބުނާ 2،973 ސޮފްހާގެ ރިޕޯޓެކެވެ.
އެ ރިޕޯޓަކީ އަދީބުގެ ފޯނަކުން 2014 ވަނަ އަހަރުގެ ފަހުކޮޅު އެކި ފަރާތްތަކާ އެކު ކޮށްފައިވާ ފޯން ކޯލްތަކާއި މެސެޖުތަކާއި އެހެން ވެސް ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުމެއް ކަމަށް ލީކްކުރި ފަރާތުން ބުނެ އެވެ. އެގޮތުުން އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާދީބާއި އެކި ފަރާތްތަކާ ދެމެދު ބަދަލުކޮށްފައިވާ 81،167 މެސެޖެވެ.
އެ މެސެޖުތަކުން ހާމަވެފައިވާ ގޮތުގައި ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންނާއި އާންމުން ވަނީ އަދީބުގެ އަތުން އެކި އެހީތައް ހޯދައިފަ އެވެ. މީގެ އިތުރަށް އެ މެސެޖުތަކުން ވަނީ އަދީބާއި އެކި އަންހެނުންނާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މުއާމަލާތްތައް ވެސް އާންމުވެފަ އެވެ.
އަދީބާ އެކު މި ސަރުކާރުގެ އިސް ވެރިންނާއި ވަޒީރުން ވެސް ކޮށްފައިވާ އެކިއެކި މުއާމަލާތްތަކާއި ހޯދާފައިވާ މާލީ މަންފާތަކުގެ ވާހަކަތައް ވަނީ އާންމުވެފަ އެވެ. އަދި ކުރި އާއި މިހާރުގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން އަދި މުވައްޒަފުންނާ އަދީބާ އޮތް ގުޅުމާއި ހިންގި މުއާމަލާތްތަކުގެ ބައެއް ވާހަކަތައް އެ މެސެޖުތަކުގައި ވަނީ ތިލަވެފަ އެވެ.
މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި އަދީބާ ދެމެދު ރަށްތައް ކުއްޔަށް ނެގުމަށް ދައްކާފައި ހުރި ވާހަކަތައް ފަދަ މުއާމަލާތްތައް ވެސް ހާމަވެފައިވެ އެވެ.
މިއީ، އެ ފޯނުގެ މައުލޫމާތުތައް ހިމެނޭ މުޅި ރިޕޯޓް ހާމަވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން އެ ރިޕޯޓްގައި ހިމެނޭ އެކި މީހުންނާ ގުޅޭ މައުލޫމާތުތައް ލީކްކޮށްލާފައިވެ އެވެ. އާންމުކޮށް އެ ރިޕޯޓުގެ މައުލޫމާތުތައް އާންމުވަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރަކާ ދިމާކޮށެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުތަކާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ދިމާކޮށް އެ ރިޕޯޓްގެ އެކި ބައިތައް އާންމުކުރެ އެވެ.
މި ދުވަސްވަރު އެ މައުލޫމާތު އާންމުވެފައި މި ވަނީ މީޑިއާ ކޮންޓްރޯލް ބިލްގެ އަޑުތައް ގަދަވެ ސަރުކާރަށް ފާޑުކިޔުމާއި ޕްރެޝަރު ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ.
އެ ރިޕޯޓަކީ އަލްޖަޒީރާއިން ތައްޔާރުކުރި ސްޓީލިން ޕެރަޑައިޒް އިންވެސްޓިގޭޓިވް ޑޮކިއުމަންޓްރީ އެކުލަވާލުވުމުގައި ބޭނުންކުރި މައުލޫމާތެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ގެންގުޅުނު މައުލޫމާތުތަކެކެވެ. އެ ރިޕޯޓުގެ އެކުލަވާލި ގޮތާއި އޭގެ ސައްހަ ކަމާ މެދު، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އެ ރިޕޯޓް އާންމުވުމާ އެކު އެކްސްގައި ހިޔާލުފާޅުކުރާ މީހުން ބުނެފައި ވަނީ އެ މެސެޖްތަކުން ދޭހަވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަދީބު މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގި ބޮޑު ކޮރަޕްޝަންގެ ކަންތައްގަނޑު ކަމަށެވެ. އަދި އެކަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރި ގޮތާއި މުޅި ދައުލަތާއި އާންމު އެތައް ރައްޔިތުންނެއް އަދީބުގެ ދަށުވެފައިވާ މިންވަރު ހާމަވެފައިވާ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.
"ދެރަކަމަކީ އެކަމުގައި އިސްކޮށް އުޅުނު އެންމެން ދޫވެފައި ތިބުން. އެ މީހުންނަށް ފިޔަވަޅެއް ނޭޅި މުޅި މައްސަލަ އަތް ދަށުންގޮސް ހަދާން ނެތުން." އެކްސްގައި ހިޔާލުފާޅުކުރި މީހަކު ބުނެފައިވެ އެވެ.
އަދީބުގެ ޖަލު ހުކުމަށް މާފުދީ އޭނާ މިނިވަންކޮށްފައި ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ހަމަވާން ކުޑަތަންވެފައި ވަނިކޮށެވެ. އެ ފަހުން އަދީބު ރާއްޖެއަށް ވަޑައިގަތް ގޮތަށް ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި އެ މައްސަލައިގައި ދެން ޝާމިލްވާ، އެއް ކުންފުނި ކަމަށްވާ އެސްއޯއެފް އާއި އެހެނިހެން ވެސް ފަރާތްތައް ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
އަދީބުގެ ފޯނެއްގެ ޑޭޓާ: 81،000 މެސެޖުން އެތައް ވާހަކައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ