މީގެ 14 އަހަރު ކުރިން ހުޅުމާލޭގައި އެސްޓީއޯއިން އަޅަން ފަށައި މަސައްކަތް ހުއްޓިފައި ހުރި ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލޭ ފޭސް ދޭއްގެ އެހެން ބިމަކަށް ބަދަލު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން މެއި މަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވަނީ ހޮޓާ އަޅާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން އެސްޓީއޯ އަށް ބިމެއް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - އެސްޓީއޯ އިން މިއަދު ބުނީ ސިޓީ ހޮޓާ 20 މިލިއަން ޑޮލަަށް އަގުކޮށް، ހުޅުމާލެ ފޭސް2ގެ ބިމަކަށް ބަދަލު ކުރުމަށް މިދިޔަ 31 އޮގަސްޓުގައި އެސްޓީއޯ އާއި އެޗްޑީސީ އިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ މުއާމަލާތާ ގުޅިގެން އެސްޓީއޯގެ މާލީ ހިސާބުތަކަށް އަންނަ ބަދަލުތަކުގެ ތަފްސީލް މި އަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާތަކުގައި، ހިއްސާރާދުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ އަދި ބޯޑު ޑިރެކްޓަރުންނާ އެންމެ ގިނައިން ސުވާލު ކުރިމަތިކުރުވާ އެއް ކަމަކީ، ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައި ހުރުމާއި އެތަނަށް ދެން ހަދާނެ ގޮތެކެވެ.
އެސްޓީއޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011ގަ އެވެ. ނުނިމި ދިގުލައިގެން ގޮސްފައިވާ އެ ތަން ވިއްކާލަން އެސްޓީއޯއިން މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
އެނގުން މުހިއްމު - އެސްޓީއޯ އިން ތަރައްގީކުރަން ފެށި ހޮޓާ އިމާރާތުގައި ހުރި ތަން ހިންގަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަން އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ހޮޓަލުގެ މަސައްކަތް، އެ ތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް 'މެންހަޓަން ގްރޭންޑް ހޮޓެލް'ގެ ނަމުގައި ހިންގަން ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާ އެކު އެވެ.
އެ މަޝްރޫއަށް އިންވެސްޓްކުރާނީ، އެޗްޑީސީން ބުނި ގޮތުގައި، ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޑީޕް ސީފުޑް ކޮމްޕެނީން
މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ ސަރަހައްދު ނުވަތަ 3.5 ފަންގިފިލާގައި ހުންނާނީ:
ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖު
ގައުމިއްޔަތު އިންސްޓިޓިއުޓް
އެމްއެންޔޫ މެޑިކަލް ކޮލެޖު
އެ ތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތް ފަށާތާ ހަ މަސްދުވަހުގެ ތެރޭގަ އެވެ.
ހޮޓަލުގެ ބާކީ ބައި ތަރައްގީކުރާނީ:
ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި
158 ކޮޓަރި ތަރައްގީކުރާނެ
މަސައްކަތް ފަށާތާ 12 މަސްދުވަސް ނުވަތަ އެއް އަހަރު ތެރޭގައި ހިންގަން ފަށާނެ
ހިއްސާދާރުންގެ ކަންބޮޑުވުން އޮތް އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް2ގެ ބިމަކަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ