ގުނަވަން ބަދަލުކުރުމާގުޅޭ ގޮތުން ޝީ އާއި ޕުޓިން ދެއްކެވި ވާހަކަފުޅު ލީކުވެއްޖެ
ޗައިނާގެ ބެއިޖިންގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް, އިންސާނުންގެ ގުނަވަން ބަދަލުކުރުމާއި އިންސާނުންގެ ދިގު އުމުރާ ގުޅޭ ވާހަތަކެއް ދައްކަވާ އަޑު އޮޅިގެން މައިކަކަށް އަރައި ލީކުވެއްޖެއެވެ. ދެ ލީޑަރުންގެ މެދުގައި އެ ވާހަކަތައް ދެއްކެވީ އުތުރު ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގައި ބޭއްވި ޕެރޭޑް ބައްލަވާލެއްވުމަށް ދެ ބޭފުޅުން ހިންގަވާފައި ވަޑައިގަންނަވަމުންނެވެ. އެ ޕެރޭޑް ޗައިނާގެ ދައުލަތުގެ ޓީވީން ގެންދިޔައީ ލައިވް ކުރަމުންނެވެ. ދެ ބޭފުޅުންގެ ވާހަކަފުޅު ދެއްކެވިއިރު، ތަރުޖަމާނުން ގެންދިޔައީ ތަރުޖަމާކޮށްދެމުންނެވެ. "ކުރިން 70 އަހަރުން މަތީގެ މީހަކު ފެނުން މަދުވާނެ. ނަމަވެސް މިދުވަސްވަރު ބުނަނީ 70 އަހަރަކީ އަދިވެސް ވަރަށް ހަގު އުމުރެއް ކަމަށް." ޝީގެ ތަރުޖަމާނު ރަޝިޔާ ބަހުން ބުނާ އަޑު އިވެއެވެ. "ބަޔޯޓެކްނޮލޮޖީ ތަރައްގީވުމާއެކު އިންސާނާގެ ގުނަވަންތައް މެދުނުކެނޑި ޓްރާންސްޕްލާންޓް ކުރެވޭނެ. މީހުންނަށް ޒުވާން އުމުރުގައި އުޅެވޭނެ." އޭގެފަހުން ޕުޓިންގެ ތަރުޖަމާނު ބުނާ އަޑުއިވެއެވެ. ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޓިން ވަނީ ފަހުން ރަޝިޔާގެ މީޑިއާއާ ވާހަކަ ދައްކަވަމުން އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ޕުޓިންއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޒަމާނީ ރިކަވަރީ މެތަޑްތަކާއި މެޑިކަލް މެތަޑްތަކާއި ގުނަވަންތައް ބަދަލުކުރުމާ ގުޅޭ ސާޖިކަލް މެތަޑްތަކުން ވެސް އިންސާނުންނަށް މިހާރަށް ވުރެ ގިނަ ދުވަހު ދިރިއުޅެވުން އެކަށީގެންވެއެވެ. ބުދަ ދުވަހުގެ ޕެރޭޑަކީ ޗައިނާ، ރަޝިޔާ އަދި އުތުރު ކޮރެއާގެ ލީޑަރުން އާންމުކޮށް އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ހުޅަނގުގެ ގައުއުމުތަކަށް ފޮނުވި މެސެޖެކެވެ. ޕެރޭޑް ބައްލަވާލެއްވުމަށް ޕޫޓިން އާއި ކިމްގެ އިތުރުން 24 އިއްޒަތްތެރިން ވަޑައިގަތެވެ. އޭގެތެރޭގައި އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ވިއެޓްނާމްގެ ލުއޮންގް ކުއޮންގް އަދި ޒިމްބާބުވޭގެ އެމާސަން މްނަންގަގްވާ ހިމެނެއެވެ. ޗައިނާގެ ޕެރޭޑް ބަލަން 50،000 އަށް ވުރެ ގިނަ މީހުން އެއްވެފައިވާއިރު، ޕެރޭޑްގައި ވަނީ ޗައިނާގެ ޒަމާނީ ހަތިޔާރުތައް ދައްކާލާފައެވެ. އޭގެ ތެރޭގައި ހައިޕާސޮނިކް މިސައިލްތަކާއި ނޭވަލް ޑްރޯންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ