އަންނަ ރޯދައިގެ ކުރިން ހުޅުމާލޭގައި އެސްޓީއޯއިން ގެންނަ ޒަރޫރީ މުދާތައް ވިއްކާނެ ފިހާރައެއް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ އާންމު މުދާ ވިއްކާ ފިހާރައެއް ހުޅުމާލޭގައި ނުހުންނާތީ އާންމުންގެ ކަންބޮޑުވުން ފާޅުކުރެއެވެ. އެކަމާއި ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ، އެޗްޑީސީއާއެކު މަޝްވަރާކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފިހާރައެއް ޤާއިމްކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދެވަނަ ފިޔަވަހީގައި ވެސް އެފަދަ ފިހާރައެއް ހުޅުވުމުގެ މަޝްވަރާތައްކުރަމުންދާ ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.
މިހާރު ހުޅުމާލޭގައި އެސްޓީއޯއިން ދަނީ އެކުންފުނީގެ ކުލަ ވިއްކާ ފިހާރައެއް ހިންގަމުންނެވެ. އެހެން ނަމަވެސް އާންމު މުދާ ވިއްކާ ފިހާރައެއް ނުހުންނާތީވެ އާންމުންގެ ކަންބޮޑުވުން ފާޅުކުރާއިރު، އެފަދަ ފިހާރައެއް ހުޅުވަން އެސްޓީއޯއިން ނިންމައިފައިވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ނިންމުމާއެކުއެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުން އެ 23 ބާވަތުގެ މުދާ ހެޔޮ އަގުގައި ވިއްކަން އެސްޓީއޯއިން ވަނީ ފަށައިފައިވާއިރު، ކާޑުގެ ތިން ބާވަތުގެ އިތުރަށް އެސްޓީއޯއިން އަގުހެޔޮކޮށް، ގަނޑުކޮށް ގެންނަން ނިންމައިފައިވަނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީއެއްގެ އިތުރުން އެހެނިހެން ތިން ބާވަތެކެވެ.
އެގޮތުން މޭވާގެ ގޮތުގައި ގެންނަން ނިންމައިފައިވަނީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ. ތަރުކާރީގެ ގޮތުގައި ގެންނަނީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ. އެހެނިހެން ތިން ބާވަތަކީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާއްޓެވެ
ރޯދައިގެ ކުރިން ހުޅުމާލޭގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ