ހަފުތާއެއް ތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފި، ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް: ރައީސް
ހަފުތާއެއް ތެރޭގައި މާލެއިން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބާއްވާ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސާޖު ޕާލާތަކުގެ މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް އިތުރު ހިތްވަރެއްލާ، ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ނުވަވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން 52 ތަނެއް މިވީ ހަފުތާއެއްގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ. "މިކަން މިހެން ހިނގާތީވެ، އަމިއްލައަށް މިކަން ހުއްޓާލާފައި، ވިޔަފާރި ބަންދުކޮށްފައި އަމިއްލައަށް ބަންދުކުރި 28 ތަން،" އެ މަނިކުފާނު ވިދާޅުވިއެވެ. މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ރައީސް މުއިއްޒު ވިދާޅުވީ، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރެއާއި ދުވާލު ކަމާ ގުޅުންހުރި އިދާރާތަކުން މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ރައްޔިތުން މިގޮތަށް ދެއްވާ ޚިޔާލުތައް ވަރަށް އީޖާބީ ގޮތެއްގައި، ވަރަށް ޕޮޒިޓިވް ގޮތެއްގައި އަޅުގަނޑުމެން ބަލައިގަންނަނީ. ކޮންމެ ވާހަކަފުޅަކީ ވެސް މުހިންމު ވާހަކަފުޅެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ޚިލާފަށް ދިރިއުޅެ، ވިޔަފާރިކުރެއެވެ. މި ސަރުކާރުގެ އަމާޒަކީ ތިން އަހަރު ތެރޭ އެ މައްސަލަ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ