މިދިޔަ 3 އަހަރު ފެނަކައަށް 50 އިންސައްތަ މުވައްޒަފުން ނެގީ އިއުލާނު ނުކޮށް

ހިންގުމުގެ ގޮތުން ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތް ސަރުކާރުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މިދިޔަ ތިން އަހަރު ނެގި މުވައްޒަފުންގެ 50 އިންސައްތައަކީ އިއުލާނުކުރުމަކައިނުލާ ނަގާފައިވާ މުވައްޒަފުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ފެނަކައިގެ އޮޑިޓްތައް ދިރާސާކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެ ކޮމިޓީގެ މެންބަރުން މިއަދު ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކޮށްފައެވެ. އެ ބައްދަލުކުރެއްވުމުގައި އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ހަސަން ޒުހުރީ ވަނީ އޮޑިޓް ރިޕޯޓުތަކުން ފެނަކައަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ފާހަގަވި މުހިންމު ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި: 2020 ގައި ފެނަކައިގައި ތިބީ 3،500 މުވައްޒަފުން އެކަމަކު، 2023 ގައި 6،600 އަށް އެ އަދަދު އިތުރުވި ޒުހުރީ ވިދާޅުވީ، 2024 ވަނަ އަހަރު ފެނަކައިގައި ދާއިމީ 5،000 މުވައްޒަފުން ތިބި ކަމަށެވެ. އަދި، އެކިއެކި މަޝްރޫއުތަކާއި މަސައްކަތްތަކަށް ނަގާފައިވާ ވަގުތީ މުވައްޒަފުންގެ އަދަދު ވެސް 2،900 އަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/212053 އެއީ، 2020 އާ އަޅައިބަލާއިރު ދާއިމީ މުވައްޒަފުންގެ އަދަދު 78 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، ބައެއް ރަށްރަށުގައި އޮޕަރޭޝަން ފުޅާނުވާ މިންވަރަށް މުވައްޒަފުން ނަގާފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ފެނަކައިން ކުރާ ހޭދަ 38 އިންސައްތައާއި 39 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުވިކަން އޭނާ ކަންބޮޑުވުމާ އެކު ފާހަގަކުރިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މުވައްޒަފުންގެ އަދަދު އިތުރުވިއިރު ގިނަ މުވައްޒަފުން ނަގާފައިވަނީ އިއުލާނު ވެސް ނުކޮށެވެ. އޮޑިޓް އޮފީހުން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ އިންޓަވިއު ވެސް ނުކޮށެވެ. އެގޮތުން، 2022، 2023 އަދި 2024 ވަނަ އަހަރު ވެއްދި މުވައްޒަފުންގެ 50 އިންސައްތަ މުވައްޒަފުން ވައްދާފައިވަނީ އިއުލާނު ނުކޮށް ކަމަށް ޒުހުރީ ވިދާޅުވިއެވެ. މީގެ އިތުރުން، އެއް ވަރެއްގެ އޮޕަރޭޝަން ހިންގާ ރަށްރަށުގައި ތިބި މުވައްޒަފުންގެ އަދަދުގައި ބޮޑު ތަފާތުތަކެއް ހުރިކަން ވެސް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ. https://sun.mv/211993 "ފެނާއި ނަރުދަމާއާއި ކަރަންޓު ވިއުގަ އެއްވަރެއްގައި ހުންނަ ރަށްތަކުގައި ގާތްގަނޑަކަށް 122 ކަނެކްޝަން ހުންނަ ރަށްރަށާއި 130 ކަނެކްޝަން ހުންނަ ރަށްތަކަށް ބަލާއިރު އެއް ރަށެއްގައި 30 އަށްވުރެ ގިނަ މުވައްޒަފުން، އަނެއް ބައި ރަށްރަށުގައި 15 ވަރަކަށް މުވައްޒަފުން [ތިބީ]،" އޭނާ ވިދާޅުވިއެވެ. ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ބޭނުންކުރާ ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވިފައި އޮތް ފެނަކައަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ވެސް އަބަދުމެ އަމާޒުވެއެވެ. އެ ފަދަ މައްސަލަތަކެއްގައި މިދިޔަ ފަސް އަހަރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހުމަދު ސައީދު މުހައްމަދަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ތުހުމަތުތަކަށް އޭނާ އިންކާރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ