ބޭއިންސާފުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިއާދަކޮށްފި ބޭއިންސާފުން ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިއާދަކޮށްފި

ރަނގަޅަށް ތަހުގީގު ކުރުމެއް ނެތި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ސިޓީއެއް ފޮނުވުމުން، ރައީސް މުހައްމަދު މުއިއްޒު ވެސް އެއީ އިންސާފުވެރި ނިންމުމެއްތޯ ބެލުމެއް ނެތި ވަޒީފާއިން ވަކިކުރި ކަސްޓަމްސްގެ ދެ ޑިޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އެ މަގާމަށް އަލުން އައްޔަން ކުރައްވައިފި އެވެ.
ކަސްޓަމްސްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި މަހުމޫދު ރިޔާޒު އާއި އަބްދުﷲ ވަހީދު އޮކްޓޯބަރު 29، 2025 ގައި ވަޒީފާއިން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކަސްޓަމްސްއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ދެ ޑެޕިއުޓީ ކޮމިޝަނަރުން ހިމެނޭހެން އެ އިދާރާގެ ފަސް ވެރިޔަކު މަގާމުން ވަކިކުރަން ފެންނަ ކަމަށް އެންގުމުންނެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމަށް އައްޔަން ކުރަނީ އަދި ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރަނީ ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިންނެވެ.
ރަނގަޅަށް ތަހުގީގު ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހުން ފޮނުވި ސިޓީއަކަށް މަހްމޫޒު ރިޔާޒު މަގާމުން ވަކިކުރިއިރު، ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ކުރައްވާނީ ގާނޫނުގެ ވެރިކަން ކަން ކަށަވަރުކުރައްވާނެ ކަމަށާއި "އަދުލުވެރިކަމާއި އިންސާފު، ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން" ކަމަށެވެ.
މަހުމޫދު ރިޔާޒުގެ މަގާމު އިއާދަކުރަން ފެންނަ ކަމަށް 241 ކޮމިޓީން ލަފާ ދިނުމަށް ނިންމީ، އެކަމަށް އެދި ރައީސް މުއިއްޒުގެ ފަރާތުން ހުށަހެލުމެއް ލިބިގެން ކަމަށް، އެ ކޮމިޓީގެ މެންބަރަކު އަދަދު ނޫހަށް ވިދާޅުވި އެވެ.
މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެ ނިންމުން ނިންމާއެކު، މަހުމޫދު ރިޔާޒުގެ މަގާމު އިއާދަކުރިކަން، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އިއުލާނު ކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީކާ ގުޅިގެން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހްގީގު ކުރެއްވުމަށް ފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި،" ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މަގާމުން ވަކިކުރަން ކޮމިޓީން ލަފާ ދިން ކަސްޓަމްސްގެ އެހެން ވެރިން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، މައްސަލަތައް ބަލަމުންދާކަން ވަނީ އެނގިފަ އެވެ.
އެ އެންމެން މަގާމުން ވަކިކުރަން 241 ކޮމިޓީން ލަފާ ދިނީ ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލަ އާއި ބޯޓަކުން ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރިކުރި މައްސަލަ ބެލުމަށް ފަހު އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި އެ އޮފިސަރުންނާ ވަކިވަކިން ސުވާލުކޮށްފައި ނުވާ ކަމަށް އޭގެ ތެރެއިން ބައެއް އޮފިސަރުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒުއާ ގުޅޭ ގޮތުން ކޮމިޓީގެ ނިންމުން ބަދަލުކުރީ 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓު ގެއްލުނު މައްސަލައިގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަން ފަހުން އެނގުމުން ކަމަށެވެ.
މަހުމޫދު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ މުވައްޒަފުން ވެސް ހިމެނޭހެން ވަރަށް ގިނަ ބަޔަކު އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ