ޕްރޮޖެކްޓުތައް ބަހާލި މައްސަލަ ބަލަން އަމީރު ގޮވާލުން ޕްރޮޖެކްޓުތައް ބަހާލި މައްސަލަ ބަލަން އަމީރު ގޮވާލުން

ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބެލުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ގޮވާލި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 206 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. އެއީ ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެވެ.
އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރާއި ގުޅުން އޮންނަ ކުންފުނިތަކަށާއި މުއިއްޒުގެ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރި އެވެ.
އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ މިއީ ކޮރަޕްޝަން ހިމެނިގެން ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެ މައްސަލަތައް އޭސީސީ އާއި އޮޑިޓު އޮފީހުން ވެސް ބަލަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ގެންގޮސް ބެލުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"މި ސަރުކާރު ބަދަލުވެގެން ދެން އަންނަ ސަރުކާރުތަކުން ވެސް މި މައްސަލަތައް ބަލައި، މި މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެން ދާނެ ދުވަސް ރާއްޖޭގެ ރައްޔިތުންނަށް ފެނިގެން ދާނެ،" އަމީރު ވިދާޅުވި އެވެ.
އޮޑިޓު އޮފީހުން ނެރެފައިވާ ރިޕޯޓުތަކުގައި ފްލެގުކޮށްފައިވާ ކުންފުނިތަކަށް ވެސް ސަރުކާރުން ޕްރޮޖެކްޓު ދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އެ މައްސަލަތަކަކީ ނުބަލައި ދޫކޮށްލަން ޖެހޭ ވަރުގެ މައްސަލަތަކެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެމްއެމްޕީއާރުސީގެ މައްސަލައަށް ވުރެ ވެސް ބޮޑަށް، ހަމަ އޯޕަންކޮށް ލައިވް ޓީވީގައި ކޮށްފައި އޮތް ބޮޑު ވައްކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ. އެހެންވީމާ އެ މައްސަލަތައް ބަލަން ގޮވާލަން،" އަމީރު ވިދާޅުވި އެވެ.
މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ