ރިޔާޒުގެ މައްސަލާގައި ރައީސް މައާފަށް އެދިވަޑައިގަންނަވަންޖެހޭ

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށެވެ.
ނަމަވެސް އެ ކޮމިޓީން ފަހުން ވަނީ އެ މައްސަލައިގައި ރިޔާޒުގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭތީ، އޭނާގެ މަގާމު އަލުން އިއާދަކުރުމަށް ރައީސަށް ލަފާ އަރުވާފަ އެވެ. އެއާއެކު ރައީސް މުއިއްޒު މިހާރު ވަނީ ރިޔާޒު އަލުން އެ މަގާމަށް އިޔާދަކުރައްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ ގާތް އެކުވެރިންނާއި މުޖުތަމަޢު ތެދުވެ، މީހެއްގެ ތެދުވެރިކަމަށް ހެކިވެ މަސައްކަތްކޮށްފި ނަމަ އެ ފަރާތް އަނބުރާ ވަޒީފާއަށް އިޢާދަކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރިޔާޒު ވަޒީފާއަށް އަލުން އިޔާދަކުރި ނަމަވެސް ރައީސް މުޢިއްޒު މައާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ރިޔާޒު މަގާމުން ވަކިކުރަން ނިންމުމާއެކު ރިޔާޒުގެ ދިފާއުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ