ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފައަކަށް ރައީސް މުހައްމަދު މުއިއްޒު މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދޭން އެ ކޮމިޓީން އެދުމުން، މަހުމޫދުގެ ވަޒީފާ ރޭ އިއާދަކޮށްފި އެވެ.
މައްސަލައިގެ ފެށުން - މަހުމޫދު ރިޔާޒު މަގާމުން ވަކިކުރަން މިދިޔަ މަހު 29ގައި ރައީސް މުއިއްޒު ނިންމެވީ:
241 ކޮމިޓީން ދިރާސާ ކުރި، ދަ ހޯކްސްގެ ބޯޓެއްގައި ރާއްޖެއަށް ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެ ކުރުމާއި ބޮންޑެޑް ވެއާ ހައުސްއަކުން ގެއްލުނު ސިނގިރޭޓްތަކެއްގެ މައްސަލައާ ގުޅިގެން އެ ކޮމިޓީން އެކުލަވާލާ ރައީސްއަށް ފޮނުވި ރިޕޯޓަކާ ގުޅިގެން
މިހާތަނަށް އާންމު ނުކުރާ އެ ރިޕޯޓުގައި މަގާމުން ވަކިކުރަން ރައީސްއަށް ލަފާ ދީފައިވާ މީހުންގެ ތެރޭގައި މަހުމޫދު ރިޔާޒު ވެސް ހިމެނޭ
ވީ ކިހިނެއް؟ - ކޮމިޓީގެ އެ ނިންމުން އަނެއްކާ ބަދަލުކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ. ސިއްރު އެ ބައްދަލުވުމުގައި ނިންމި ނިންމުން ހާމަކޮށްފައި ވަނީ ރޭ އެ ކޮމިޓިން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - އެއާ އެކު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ކޮމިޓީގެ އެންގުމާ އެއްގޮތަށް މަހުމޫދަށް ވަޒީފާ އަލުން ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ - 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކަސްޓަސްއަށް ހިދުމަތް ކުރެއްވި މަހުމޫދު ރިޔާޒު ވަކިކުރެއްވުމުން، އޭނާ ދަންނަ މީހުންނާއި އެކުގައި މަސައްކަތް ކުރި މީހުން ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި މަހުމޫދު ވެސް ވަނީ އޭނާއަށް ކުރި ތުހުމަތު ދޮގު ކުރައްވާފަ އެވެ.
ކޮމިޓީގެ ނިންމުން ބަދަލުކޮށްފައި މި ވަނީ، މަހުމޫދު ވަކިކުރުމާ ގުޅިގެން އޭނާގެ އެއްވެސް ނުރަނގަޅު ރިކޯޑެއް އޮތްތޯ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.
ކޮމިޓީން އެދުމުން މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ