ސަރުކާރުން ހުރަސްއަޅާކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އެއްވުން ފަސްކޮށްފި

ސަރުކާރުން ހުރަސްއަޅާކަމަށްބުނެ، އިދިކޮޅު އެމްޑީޕީން ބޭއްވުމަށް ނިންމި އެއްވުން ފަސްކުރުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ. އެމްޑީޕީން މީގެ ކުރިން ނިންމާފައިވަނީ މިހިނގާ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ކުރިއަށްގެންދާށެވެ. ނަމަވެސް އެމްޑީޕީން އެއްވުން ފަސްކުރުމުގެ ސަބަބެއްކަމަށް ބުނެފައިވަނީ އެ އެއްވުމަށް ސަރުކާރުން ހުރަސްއަޅަމުންދާތީއެވެ. އެއްވުން ފަސްކުރުމަށް ނިންމީ ޤައުމީ މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި  ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރަމުންދާކަމަށާއި، އެއްވުން ބޭއްވުމުގެ ހުއްދައަށް އެދުމުން ސަރުކާރުން އެކަންކޮށްދީފައި ނުވާކަމަށެވެ. އެގޮތުން އެއްވުން ބޭއްވުން އެންގުމަށް ކުރިއަށްގެންދިޔަ ހަރަކާތްތައްވެސް ހުއްޓުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު އެއްވުމެއް ބޭއްވުމަށް ނިންމިއިރު، އެދުވަހަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރެއްވިތާ 2 އަހަރު ފުރޭ ދުވަހެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުން އެއްވުން ބާއްވާނެ ދުވަހެއް ފަސްކުރިއިރު، ދެން އެ އެއްވުން ބާއްވާނެ ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ.
އިދިކޮޅު އެންމެބޮޑު ޕާޓީގެ އެއްވުން ފަސްކުރިއިރު، ސަރުކާރު ހިންގާ ޕާޓީން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ