ފިލިޕީންސްގައި މޫސުން ގޯސްވެ 11 މީހުން މަރުވެއްޖެ

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފިލިޕީންސްގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ތޫފާންތަކެއް އަރައި، މޫސުން ގޯސްވުމުގެ ސަބަބުން 11 މީހުން މަރުވެއްޖެއެވެ. ތޫފާންތަކާ އެކު ބޯކޮށް ވާރޭވެހި ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި، މީހުންގެ ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މަގުތަކާއި ދަނޑުބިންތައް ހަލާކުވެފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ.
2022 ޑިސެންބަރު 25 ގެ ފަހުން ފިލިޕީންސްގެ ދެކުނާއި މެދުތެރޭގެ ސަރަޙައްދުތަކުގެ މޫސުން ވަނީ ގޯސްވެފައެވެ. އަދި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ގޮސް، ކިސަޑު ފޭބުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. މި ހާދިސާތަކުގައި 52 މީހުން މަރުވިއެވެ. އަދި އެތަކެއް ހާސް ބަޔަކަށް ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވިއެވެ.
ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި 10 ފޫޓަށް ފެންބޮޑުވެފައިވާ ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބުނެއެވެ. އަދި، ފެންބޮޑުވުމުގެ ސަބަބުން އެކަކު ގެއްލިފައިވާ ކަމަށާއި، 2,200 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނު ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ފިލިޕީންސްގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި، ބިންތިރި ސަރަޙައްދުތަކުގައި ފެންބުވާނެ ކަމަށާއި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ކޮށްފައެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިރުޝާދު ދީފައެވެ.
ފިލިޕީންސްއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޯޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމަށް އަރާ ތޫފާންތަކުގެ ބާރު އިތުރުވަމުންދާ ކަމަށާއި، ތޫފާންތަކުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވަމުންދާ ކަމުގައި ވެސް ސައިންސްވެރިން އިންޒާރު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ