އިހުސާނުގެ ދިފާއުގައި ފުލުހުންގެ ބަޔާނެއް: ތަހުގީގަށް އެއްވެސް ސިޔާސީ މީހަކު އިރުޝާދެއް ނުދޭ!

ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދޫކޮށްލުމުގެ ބަދަލުގައި ފައިސާ އަތުލި ކަމަށް ބުނެ ޖަލަށްލާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދުގެ ތަހުގީގުގައި އެއްވެސް ސިޔާސީ ފަރާތެއްގެ އިރުޝާދު ނުލިބޭ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.
ފުލުހުން މި ބަޔާން ނެރެފައިވަނީ، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކޮރަޕްޝަންގެ ތުހުމަތުކުރުމުން އޭނާ ފްރޭމްކޮށްފައިވާ ކަމަށް ޝައްމާން ބުނެފައި ވަނިކޮށެވެ. ޝައްމާންގެ މައްޗަށް ހުކުމްކުރުމުގެ އަޑުއެހުން ބޭއްވުމުގެ ކުރިން އޭނާ ކުރި ތުހުމަތުތައް ދޮގުކުރައްވައި އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަމުގެ ހަގީގަތް ހާމަކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ.
އެގޮތުން، ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝައްމާންގެ މައްޗަށް ހިންގި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ނޫން ކަމަށާއި ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ. ވަކި ގޮތަކަށް ބަޔާންދިނުމަށް މީހުންނަށް ނުފޫޒުފޯރުވާފައިވާ ކަމަށް ދެއްކި ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
ފުލުހުން އެ ބަޔާނުގައި ބުނީ ތަހުގީގުން ނިންމި ހުރިހާ ނިންމުންތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ތަހުގީގު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި ވެސް ޝައްމާން އޭނާގެ ފޯނު ހުޅުވަން ޕާސްކޯޑު ދީފައިނުވާފައިނުވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ. އަދި އޭނާގެ ފޯނުގައި ކޮރަޕްޝަންގެ ހެކި ހުރި ކަމަށް އޭނާ ބުނިނަމަވެސް، އޭނާ ބަންދުން ދޫކޮށްލިފަހުން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނާ ނުވަތަ އެހެން އެއްވެސް މުއައްސަސާއަކާ ހިއްސާނުކުރާ ކަމަށް އެ ބަޔާނުގައިވެއެވެެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ގާނޫނުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ފެށުމާއެކު މާޗު 21، 2025 ވަނަ ދުވަހު އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރިކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، މެއި 13، 2025 ވަނަ ދުވަހު ތަހުގީގުގެ ހޯދުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް މީޑިއާ ބްރީފިންއެއް ބޭއްވިކަން ވެސް ފާހަގަކުރިއެވެ.
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަން ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝައްމާނަށް އެނގޭކަން ތަހުގީގަށް ކަށަވަރުކުރެވުނު ކަމަށް ބަޔާނުގައިވެއެވެ. އަދި މާޗު 11، 2025 ވަނަ ދުވަހުގެ ރޭ އެ އޮޕަރޭޝަން ހިންގިނަމަވެސް، އޭގެ ގާތްގަނޑަށް ހަފްތާއެއް ކުރިން ޝައްމާންގެ އޮފީހުގައި އެކަމުގެ މަޝްވަރާތައް ކުރިއަށްގެންދިޔަކަން ވެސް ތަހުގީގަށް އެނގުނުކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން، މައްސަލައާ ގުޅުންހުރި ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ އެ މައުލޫމާތު ޝައްމާނަށް ދީފައިވާކަމަށާއި އޭގެ ފަހުން އޭގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފެށި ކަމަށް ވެސް ވެއެވެ. އަދި ސްޕޮންސަރުންގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް ލިބުމާއެކު އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރުމަށް ޝައްމާން އިމިގްރޭޝަންގެ ކަމާ ބެހޭ މުވައްޒަފުންނަށް އިރުޝާދު ދިން ކަމަށް ވެސް ވެއެވެ.
ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ ދެ މުވައްޒަފަކު އޭނާ ގޮވައިގެން އިމިގްރޭޝަންގެ ކާރެއްގައި މާލެ ތެރޭގައި ދުއްވި ކަމަށާއި އެ ދަތުރުގެ ތެރޭގައި އޭނާ ދޫކޮށްލުމުގެ ބަދަލުގައި ފައިސާ ދިނުމަށް މަޝްވަރާކުރެވުނު ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޝައްމާން އެ ވަގުތު ގުޅާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އެ ރޭ ދަންވަރު އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝައްމާން ދިރިއުޅޭ ގެއަށް ދިޔަ ކަމަށާއި އެ ދެ މީހުން ދިޔައީ ފައިސާ ހުރި ކޮތަޅެއް ހިފައިގެން ކަމަށް ބަޔާނުގައިވެއެވެ. އޭގެ ތިން މިނެޓު ފަހުން އެ މީހުން ނުކުތް އިރު އެ ފައިސާ ނެތް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، ޝަައްމާންގެ މައްޗަށް މިހާރު ހުކުމްކޮށްފައިވާއިރު، ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ އޮންނަ ގޮތަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގު ބޭނުންކުރުންކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
ޝައްމާން ވިދާޅުވެފައިވާ ގޮތުގައި އޭނާ ފްރޭމްކޮށްފައިވަނީ މިނިސްޓަރު އިހުސާން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލުމާ ގުޅިގެން އޭނާ އިހުސާނަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ