ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅައި ދޭނަން: ޔާމީން

ނ.ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ނ.މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް ވެލިދޫ ރައްޔިތުން މާފަރަށް ގޮސް ފުރަން ޖެހުމުން ތަކުލީފުތަކެއް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ރާއްޖެ ތަނަވަސްވެގެންދާއިރު އަބަދު އުޅެން ޖެހޭނީ އިންޖީނުލީ ދޯނީގައި ނޫން ކަމަށާއި އެއާޕޯޓު އަޅާފައި އެ ތަންތަނަށް ދަތުރުކުރެވޭނެ ގޮތް ނަހަދަންވީ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އެއް ބަޔަކަށް މިއީ ބޭކާރު ހަރަދަކަށްވީ ނަމަވެސް ރަށްތަކަށް ތަރައްގީ އަންނާނީ އެއާޕޯޓު ހެދިގެން ކަމަށާއި ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެންދަނީ ހަމައެކަނި މާލޭގައި އެއާޕޯޓެއް އޮތުމުން ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"މިއަދު ވެސް ދަންނަވާނަން ކަށަވަރުކޮށްލުމުގެ ގޮތުން ހަމަ ވެލިދޫ ކައިރީގައި ތި ބޭފުޅުން ފަޅު ރަށެއް ދައްކަވާނީ، އިރާދަކުރެވިއްޔާ އެއާޕޯޓެއް ހަދާނަން." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ވެލިދޫ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ވެސް ތަރައްގީކޮށްދެއްވާނެ ކަމަށް މިރޭ ވައުދުވެވަޑައިގެންފަ އެވެ.
ނ.އަތޮޅަށް ޔާމީން ދަތުރުފުޅެއް ފައްޓަވާފައިވާއިރު މި ދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރުމާއި އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ އަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ޕީޕީއެމުން ބުނެ އެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މި ދަތުރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ