މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ޔާޔާ ނަބީލު ކޯޓުން ދޫކޮށްލައިފި

އަންހެނަކަށް ވެގެން ސޯޝަލް މީޑިއާގައި ފޮޓޯތައް އާއްމުކޮށް ބަރަހަނާ ވަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ) ކޯޓުން ދޫކޮށްލައިފި އެވެ.
ޓިކްޓޮކުގައި ބަރަހަނާވި މައްސަލައިގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުވެސް ނަބީލް، 37އ، ހައްޔަރުކުރި އެވެ. އެ ފަހަރުވެސް މަހަކަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ކޯޓުން ދޫކޮށްލި އެވެ.
ސޯޝަލް މީޑިއާއަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ލަމުންދިޔަ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުުވުމުން ކޯޓް އަމުރެއްގެ ދަށުން ނަބީލް މިފަހަރު ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާއަށް ފުލުހުން ތުހުމަތުކުރާ ކުށަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނާ ހިލާފު ކޮންޓެންޓް ޕޯސްޓް ކުރުމެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ އޭނާ ބަންދުކުރަން ބޭނުންވާ ހަތަރު ސަބަބެއް ބުނެދީފަ އެވެ.
އެގޮތުން ނަބީލް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށާއި އާންމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެކަމުގެ އިހްތިމާލު އޮތް ކަމަށް ބުންޏެވެ.
އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމުންނާއި ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ، ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ބެލެވޭތީވެސް ނަބީލް ބަންދުގައި ބަހައްޓައި ދިނުމަށް ފުލުހުން ކޯޓުގައި އެދުނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި އަމުރުގައި ބުނެފައި ވަނީ ނަބީލް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަމަށް ބަލައި އިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތް ކަމަށެވެ.
އަދި ނަބީލްގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށާއި އޭނާއަށް ގެއްލުމެއް ދީފާނެކަމުގެ އިހްތިމާލެއް އޮތުމަކީ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ނަބީލް ފިލާފާނެ ކަމަށް ފުލުހުން ބުނެފައިވާތީ، ގާޒީ ވިދާޅުވީ، ފޯނުގެ ޕާސްވޯޑު ނުދިނުމާ މީހަކު ފިލައިގެން ދިއުމާ އެ ދެ ކަމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި ޕާސްވޯޑު ނުދިނުމަކީ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އަދި މި މައްސަލައިގައި އާއިލާ މީހުންނާއި އޭނާ ސޯޝަލް މީޑިއާގައި ލައިވްކުރާ ކަންކަން ބަލާ މީހުންނަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނާތީ ގާޒީ ވިދާޅުވީ، ނަބީލަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި ލައިވްކުރާ ކަންކަން ބަލާ ހުރިހާ އެންމެންނަށް، އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް އޮތް ކަމަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ