ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހައްޔަރު ކުރީ ރިޝްވަތުގެ އަމަލަކާ ގުޅިގެން ކަމަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާ ގުޅިގެން ޔާމީން އާ މެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަވަމުން އަންނަ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުމޫންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހު 'އަދަދު' ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި މައުމޫން ހައްޔަރު ކުރަން ޖެހުނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިނުމުން ކަމަށް ވިދާޅުވެ ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަކީ މައުމޫންގެ ނަން ކިލަނބު ކޮށްލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
ތަފްސީލް - އެ ބަޔާނުގައި ބުނީ، 1 ފެބްރުއަރީ 2018 ގައި ސުޕްރީމު ކޯޓުން ނެރުނު އަމުރާ، މައުމޫން އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ކޯޓުން އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެފަދަ އެއްވެސް ނިންމުމެއް ނިންމުމުގައި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ހަޑިމުޑުދާރު އެއްވެސް އަމަލެއް މައުމޫނު ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ޔާމީންގެ ވެރިކަމުގެ ކުރިންވެސް އަދި ވެރިކަމުގައި ވެސް އަދި އޭގެ ފަހުން ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި ދައުލަތުގެ ކަމަކާ ހަވާލުވެގެން ހުރި އެއްވެސް މީހަކަށް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާ އެއް ނުވަތަ އެއްޗެއް ދުވަހަކު ވެސް ދީފައި ނުވާނެ ކަމަށެވެ.
ރާއްޖޭގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން ދެއްކެވި އެ ވާހަކަތަކަކީ "ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ" ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ވަރަށް "ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި" ދެކޭ ކަމަށް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
"ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއިމެދު ރައީސް މައުމޫނު ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ." އެ ބަޔާނުގައި ބުންޏެވެ.
ރައީސް މަައުމޫނު، ދުވަހަކު ވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ދުވަހަކު ވެސް ނުކުރައްވާ ކަމުގެ ޔަގީން ކަން އެ މަނިކުފާނުގެ އޮފީހުން ވަނީ ދިވެހި ރައްޔިތުންނަށް ދީފަ އެވެ.
ޔާމީން ހެއްދެވީ ދޮގު؛ ގާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ