ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއް ކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ގައި ރާއްޖެ ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އާންމު ކުރެއްވި އޯޑިއޯ މެސެޖެއްގަ އެވެ. ރައީސް މައުމޫންގެ މެސެޖުގައި އިޒްރޭލްގެ އުދުވާން ކިތަންމެ މަތީ ދަރަަޖައަށް ދިޔަނަމަވެސް ފަލަސްތީނު ރައްޔިތުންްގެ ހިތްވަރާއި އަޒުމަކަށް ގުޑުމެއް ނާންނަ ކަމަށެވެ.
"ޒަޔަނިސްޓް އިޒްރޭލްގެ އަނިޔާވެރި އުދުވާންގެ ސަބަބުން, ހުއްޓުމެއް ނެތި އަޅަމުންދާ ބޮންތަކާއި, މަރާއި އަނިޔާވެރިކަމާއި ބަނޑަށް ޖެއްސުމާއި ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާތާ ގިނަ ދުވަސްތަކެއް ވީނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި އަޒުމަކަށް ގުޑުމެއް ނާދޭ,"
އެމަނިކުފާނުގެ މެސެޖުގައި ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރުން ފިލާވަޅު ލިބިގަނެގެން "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" މޫވްމަންޓުން ޣައްޒާގެ ހިސާރު ނައްތާލާ ފަލަސްތީނަށް އެހީ ފޮރުކޮށް ދިނުމަށްޓަކާއި 44 ގައުމަކުން ކަނޑު އުޅަނދުތަކެއް ފުރަން ތައްޔާރުވަމުންދާ ކަން ފާހަގަ ކުރައްވާ އެކަމަށް ތައުރީފު ކުރެއްވި އެވެ.
މިއީ މި ގައުމުތަކުގެ ޖަމިއްޔާތަކާއި ހަރަކާތްތެރީން ގުޅިގެން އުފައްދާފައިވާ ހަރަކާތެއްކަން ފާހަގަކޮށް އެ ހަރަކާތުގައި ރާއްޖެއިން ބައިވެރިވުމަކީ ވަަރަށް ބޮޑު ފަހުރެއް ކަމުގައި ވިދާޅުވި އެވެ.
"މި ހަރަކާތުގައި ދިވެހިރާއްޖެއިން ބައިވެރިވާކަން އަޅުގަނޑު އުފުލާއެކު ފާހަގަކުރަން. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކޮށް އަދުލްއިންސާފަށް ގޮވާލާ ގައުމެއްް. އެގޮތުން މި ބައިނަލްއަގްވާމީ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ލިބޭ ފަހުރެއް,"
ރައީސް މައުމޫން ވަނީ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލައްވާފަ އެވެ.
ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ. ދިވެހީންގެ ހިތްތަކުގައި އެ ލޯތްބާއި ގަދަރު އުފެދިގެން ދިއުމުގައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލަ އަށް ދެއްވި އަހަންމިއްޔަތު ބޮޑު ދައުރެއް އަދާކުރެ އެވެ.
ފަަަލަސްތީނަށް ނަސްރަށް އެދި ހިންގުނު ހަރަކާތްތަކާއި އެހީތެރިވުމަށް ކުުރިއަށް ގެންދިޔަަ ކެމްޕެއިންތައް މުހިންމު ދައުރެއް އަދާކުރި އެވެ. ރާއްޖެއިން އިޒްރޭލްގެ ދައުލަތް ބަލައިގަތުމަށް ނިންމުމާއި ގުޅިގެން އޭރު މިސްރުގައި ކިޔަވަން ތިބި ކުދީންގެ ފަރާތުން ރައީސް މައުމޫން އިސްވެ ހުންނަވާ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރަށް ސިޓީފުޅެއް ފޮނުއްވާ އެ ނިންމުމާއި ދެކޮޅު ހެއްދެވި އެވެ. އެކަމާއި ގުޅިގެން ސަރުކާރުގެ އެހީ އެ ދަރިވަރުންނަށް ކެނޑުނެވެ.
ރައީސް މައުމޫން ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ރައީސް މައުމޫންގެ ޚާއްސަ މެސެޖެެއް: ފްލޮޓިއްލާ މޫވްމަންޓްގައި ރާއްޖެ ބައިވެރިވުމަކީ ލިބޭ ފަހުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ