ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް، ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް ބައްލަވަނީ

2018 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ރަައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
އެެމަނިކުފާނު މިހެން ވިދާޅުވީ ނޫހަކުން ގެނެސްދިން ޕްރަގްރާމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ދޮގުކޮށް ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގަ އެވެ.
މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަަމަށާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފަ ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
".... ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ,"
އެ ބަޔާނުގައި ބުނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ