ތުރުކީން ހަދިޔާކުރި، ކޯސްޓުގާޑަށް ލިބޭ އެންމެ ބޮޑު މަނަވަރު އެމްއެންޑީއެފަށް ހަވާލުކޮށްފި
ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރި މަނަވަރު ނުވަތަ މިސައިލް ބޯޓު މިރޭ ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކޮށް ކޮމިޝަން ކޮށްފިއެވެ. މި މަނަަވަރު މިރޭ ކޮމިޝަން ކޮށްފައިވަނީ 'ދަރުމަވަންތަ' ނަން ދިނުމަށްފަހުގައެވެ. މި މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ. މަނަވަރު ހަވާލުކޮށް ކޮމިޝަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރަައީސް ޑރ. މުޙައްމަދު މުއިއްޒާއި، ތުރުކީ ނޭވީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މަނަވަރުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނަށް ގައުމީ ދިދަ ހަވާލުކޮށްދިނުން --- ސަން ފޮޓޯ/ މޫސާ ނަދީމް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، މިރެއަކީ އެމްއެންޑީއެފްގެ ގާބިލްކަން ކުރިއަރައިގެންދާ ރެޔެއް ކަމަށެވެ. އަދި މިއީ 17 ނޮވެމްބަރު 2023ގައި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއްކަމަށެވެ. މީގެ އިތުރުން 1980 ވަަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު އަސްކަރިއްޔާގެ ކަނޑުގެ ބާރު ފެށިއިރު ހުރި ވަސީލަތްތަކާ އަޅައިކިޔާއިރު މިއަދު މި ޚިދުމަތް ތަރައްގީވެފައިވާ މިންވަރު ވަރަށް ބޮޑު ކަމަށް ޣައްސާން ވިދާޅުވިއެވެ. އެއާއެކު ޣައްސާން ވަނީ މި ޚިދުމަތް ތަރައްގީ ކުރުމަށް މިއަދާ ހަމައަށް މަސައްކަތް ކޮށްދެެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދައިކުރައްވައިފައެވެ. ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ މިއީ ދިވެހި އަސްކަރިއްޔަ ތަރައްގީކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ އަސްކަރިއްޔާގެ ކޯސްޓު ގާޑަށް އިތުރުވާ އެންމެ ބޮޑު އުޅަނދުކަމަށް ހިލްމީ ވިދާޅުވިއެވެ. މިއާއެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު އެތައް ގުނައެއް އިތުރުވާނެ ކަމަށް ހިލްމީ ވިދާޅުވިއެވެ. ހިލްމީގެ އިތުރުން މިނިސްޓަރު ޣައްސާން ވެސް ވަނީ މި މަނަވަރު ހަދިޔާކުރެއްވި ކަމަށް ޓަކައި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށާއި، ތުރުކީ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއަށް ޝުކުރު އަދައިކުރައްވައިފައެވެ. ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް މަނަވަރުގެ ތަފްސީލް: ތުރުކީން ރާއްޖެއަށް ހަދިޔާކުރީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ. ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއް ކަމަށްވާ ލާރްސަން ވާފްޓެވެ. https://sun.mv/204706 ޓީސީޖީ ވޯލްކަންގެ ޓެކްނިކަލް ސްޕެސިފިކޭޝަން: ދިގުމިން: 58.1 މީޓަރު ބީމް: 7.62 މީޓަރު ޑްރާފްޓު: 2.74 މީޓަރު ދުވެލި: ގަޑިއަކު 70 ކިލޯމީޓަރާ ހަމައަށް ރޭންޖު: 1،940 ކިލޯމީޓަރު ފަޅުވެރިން: 45 މީހުން މަނަވަރުގައިހުރި ހަތިޔާރު ސިސްޓަމްތަކާއި ސެންސަރުތައް: 2x ހާޕޫން އެންޓި ޝިޕް މިސައިލް (ހަތަރުގުނަ ބޮޑުކުރެވޭ) 1x76mm އޮޓޯ މެލާރާ ނޭވަލް ގަން 1x35mm ޓްވިން ބެރަލް އެއާ ޑިފެންސް ގަން 2x7.62mm މެޝިން ގަން VM-28/41 ރާޑަރު، LIOD Mk-2 ފަޔާ ކޮންޓްރޯލް ރާޑަރު ޑިކޯއީ ލޯންޗަރު އެމްއެންޑީއެފުން ބުނީ މި މަނަވަރު ބަލަހައްޓައި، އޮޕަރޭޓު ކުރާނީ ދިވެހި ސިފައިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ