އެއާޕޯޓު ފޮތިފޮތިކޮށް ބޭރު މީހުންނަށް ދޭން އުޅޭ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް އެއާޕޯޓު ފޮތިފޮތިކޮށް ބޭރު މީހުންނަށް ދޭން އުޅޭ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބައިބައިކޮށް، ފޮތިފޮތިކޮށް ބޭރުގެ ފަރާތްތަކަށް ދީގެން، އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ދުބާއީގެ ޖެޓެކްސް ކުންފުންޏަށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެ ވާހަކަތައް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަނީ މިފަހުން ދޮގުކުރައްވާފަ އެވެ.
އެއާޕޯޓާ ގުޅޭ ކުއްލި މައްސަލައެއް މިއަދު އޮތް މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله މި މައްސަލަ ބަލައިނުގަތީ މަޖިލިސް ގަވާއިދުގައި ކުއްލި މައްސަލަތަކުގައި ހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ އެވެ.
މިދިޔަ ހަފުތާއިން ފެށިގެން ދައުރުވަމުންދާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުން ޖެޓެކްސްގެ ހުށަހެޅުމުގައި ވަނީ އެއާޕޯޓުގައި މުޅީން އާ ވީއައިޕީ ޓާމިނަލަކާއި ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް ބޭނުންވާ ބިން އެމްއޭސީއެލް އިން ފޯރުކޮށްދިނުމަށެވެ. ވީއައިއޭގެ ވީއައިޕީ ޓާމިނަލް މިހާރު ހިންގަމުން ދަނީ އެމްއޭސީއެލް އިންނެވެ.
ފިއްޓޭ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލް އަދި ސަރުކާރުގެ ކޮންމެވެސް ބަޔަކަށް ނާޖާއިޒު މަންފާތަކެއް ވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
"ފާއިތުވި އަހަރުގެ ހިސާބުތަކަށް ބަލައިގެން އަންދާޒާކުރާނަމަ، މަދުވެގެން ހަތް މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ގެއްލޭނެ. އެއީ، ނިމިދިޔަ އަހަރު މަދުވެގެން 12 މިލިއަން ޑަލަރު ދައްކާފައިވާއިރު ޖެޓެކްސް ހުށަހަޅަނީ އެންމެ ފަސް މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ދިނުމަށް،" އެ މައްސަލާގައި ބުނެފައި ވެ އެވެ.
އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ޑުބާއީގެ ޖެޓެކްސް ކުންފުންޏާ ހަވާލު ކުރަން މަޝްވަރާ ކުރެވެމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅުގައި ވެސް އެފަދަ ހުށަހެޅުމެއް އެ ކުންފުނީގެ ބޯޑަށް ހުށަހެޅި އެވެ.
އެމްއޭސީއެލްގެ ބޯޑުގެ ބައެއް ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ އެ ހުށަހެޅުމާ ގުޅޭގޮތުން އޭރު ބޯޑުގައި މަޝްވަރާކުރުމަށްފަހު ބަލައިނުގަންނަން ނިންމީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ