އެލިއާއިން ބޭއްވި ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި އެލިއާއިން ބޭއްވި ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

އެލިއާ އިންވެސްޓަމަންޓުން މޯލްޑިވްސް އިންސްޓިޓީއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ހިންގާ 11 ވަނަ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި އެވެ.
ގިނަ އަދަދެއްގެ ރިސޯޓުތަކާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުން 50 ކެޕްޓަނުން އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވި އެވެ.
ތަފާތު އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ޓްރެއިނިން ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
އެ ތަމްރީން ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް އެކި ބާވަތްތަކުގެ ލޯންޗުތަކުގައި އިތުބާރާއެކު ދަތުރުކުރަން ބޭނުންވާ އަމަލީ ހުނަރުތަކާއި، ކަނޑުމަތީގެ ގާނޫނާއި، ގަވާއިދާއި ނެވިގޭޝަން ޗާޓް ރީޑިން އާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރުން ފަސްޓް އެއިޑް، ފަޔާ ސޭފްޓީ އަދި އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ އަމަލީ ސެޝަންތައް ނަގައިދިނެވެ.
އެލިއާއިން ހިންގާ މިފަދަ ތަމްރީންތަކުން ލިބޭ އަގުހުރި އިލްމާއި ހުނަރުތަކަށް ޝުކުރު އަދާކޮށް، ޓްރެއިނިންގެ ސަބަބުން އެ ދާއިރާގައި ކުރިއަށްދާން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ބައިވެރިން ބުންޏެވެ.
ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވަނީ ނިންމައިފަ އެވެ.
އެލިއާއިން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން މި އަހަރު ރާއްޖޭގައި ހިންގަން ރާވާފައިވާ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ