އިސްރާއީލުން އަނެއްކާވެސް ޔަމަނަށް ހަމަލާތަކެއްދީފި

ޔަމަނުގެ ޙޫޘީންގެ ބާރުގެ ދަށުގައިވާ އެކި ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުން ހަމަލާ ދީފައިވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ޙުދައިދާގެ ބަނދަރުތަކަށާއި، ރައުސް-ޢީސާގެ އިތުރުން އަލް-ސާލިފްގެ ބަނދަރުތަކަށެވެ. މިތަންތަނުގެ އިތުރުން ޔަމަނުގެ ރައުސް-ކަޘީބު ޕަވަރ ޕްލާންޓަށްވެސް އިސްރާއީލުން ވަނީ ހަމަލާތަކެއް ދީފައެވެ. ޙުދައިދާގައި ބަނދަރުކޮށްފައިވާ "ގެލެކްސީ ލީޑަރ"ގެ ނަމުން ނަން ދީފައިވާ އުޅަނދަކަށް ހަމަލާ އަމާޒުކޮށްފައިވާނެ ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.
ޔަމަނުގެ ޙޫޘީން ވަނީ މިކަމުގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއްދީފައެވެ. އެގޮތުން ޔަމަނުގެ ޙޫޘީން ހަމަލާތަށް އަމާޒުކޮށްފައިވަނީ އިސްރާއިލުގެ ބެން ގޫރިއަން އެއަރޕޯޓަށާއި، އަޝްދޫދާއި އީލާތުގެ ބަނދަރުތަކެއްގެ އިތުރުން އަޝްޤަލާންގެ ޕްވަރ ސްޓޭޝަންތަކަކަށެވެ.
ނިރުބަވެރި އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ހަމަލާ ދެމުން އައުމުގެ ސަބަބުން ޔަމަނުގެ ޙޫޘީން ދަނީ ފަލަސްޠީނާއެކު ތިބިކަމަށްބުނެ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ޙޫޘީން ވަނީމިފަހުން 500 އަށްވުރެ ގިނަ މިސައިލް އިސްރާއީލަށް ފޮނުވާލައިފައެވެ. 
އިސްރާއީލާއި ޔަމަނުގެ ޙޫޘީން ކުރަމުން ދިޔަ ހަނގުރާމަ ޖަނަވަރީ މަހު މެދުކަނޑާލި ނަމަވެސް، މާރިޗު 15ވަނަ ދުވަހު އެމެރިކާއިން އިޒުރޭލާ ގުޅިގެން ޔަމަނަށް ބޮންއަޅަން ފެށުމުން ޙޫޘީން ވަނީ އަލުން ހަމަލާދޭން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ