އެފްއޭއެމް މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކު ތޯރިގު ރައީސް ކަަމަށް ކެންޑިޑެސީ ހުށަހަޅައިފި އެފްއޭއެމް މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކު ތޯރިގު ރައީސް ކަަމަށް ކެންޑިޑެސީ ހުށަހަޅައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފުލް މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ކެންޑިޑެސީ ހުށަހަޅައިފި އެވެ.
މި މަހު 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އިންތިހާބަށް މިއަދު ތޯރިގު ކެންޑިޑެސީ ހުށަހެޅީ 23 ކްލަބްގެ ތާއީދާ އެކު އެވެ. މިއީ، އެފްއޭއެމްގެ ފުލް މެމްބަރުކަން ދީފައިވާ ހުރިހާ ކްލަބެކެވެ.
ތޯރިގުގެ ޓީމުގައި ހިމެނެނީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލްގެ އިތުރުން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.
އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ. މި ދެ ކަމަށް ބަލާއިރު އެފްއޭއެމްގެ ރައީސަކަށް އެންމެ ފަހުން ދެ ދައުރުގައި އިންތިހާބުވި، ބައްސާމް އަދީލް ޖަލީލަށް މި ވަނީ، އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފަ އެވެ. މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުުގައި ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދެވެ. ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ