ކުއްލި ނުރައްކަލުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުން

މި ދެތިން ދުވަހު އަޅުގަނޑުމެންނަށް ކުއްލި ސިހުން ގެނުވާ ބިރުވެރި ޚަބަރުތަކެއް ވަރަށް ކައިރިކައިރީގައި އަޑު އިވިއްޖެއެވެ. ބައެއް ހާދިސާތަކުގައި ފުރާނަތަކެއް ގެއްލިދިޔަ ޚަބަރުތަކެވެ. މި އިން ކޮންމެ ޚަބަރަކުން މުޅި ދިވެހި ޖައްވަށް ހިތާމަވެރިކަން ވެރިވާއިރު، އެ ނުރައްކާތެރި ހާދިސާ ދިމާވި ޢާއިލާތަކުގެ އަހުލުންގެ ޙާލު ހާދަހައި ދެރަވާނެއެވެ. މާތް ﷲ އެބައިމީހުންނަށް ކެތްތެރިކަން ދެއްވައި ސާބިތުކަން ދެއްވާނދޭވެ! آمين. ހިތާމަ ތަޙައްމަލުކުރުމުގެ ބާރު އެކި މީހުންނަށް ލިބިގެންވަނީ އެކި މިންވަރަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ހިތްވަރުގަދަ މީހުން އެ ނޫން މީހުންނަށް ހިތާމައިން އަރައިގަތުމަށް އެހީތެރިވާން ވާނެއެވެ. ހިތާމަވެރިކަން ކުރިމަތިވެފައި ތިބި ޢާއިލާތަކަށް ތައުޒިޔާ ކިޔަން ވާނެއެވެ. އެ މީހުންނަށް ޒިޔާރަތްކޮށް ހާލުބަލަން ވާނެއެވެ. އެ ގޭގޭގައި ތިބޭ މީހުންނަށް ކާންދީ ބަނޑުހައިހޫނުކަން ފިލުވައިދޭން ވާނެއެވެ. މާތް ޞަޙާބީ ޖަޢުފަރު رضي الله عنه ދުނިޔެ ދޫކުރެއްވި ދުވަހު އިތުރު މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ޙަދީޘްކުރެއްވިއެވެ. «اصنَعوا لأهْلِ جعفرٍ طعامًا، فإنَّهُ قد جاءَهُم ما يشغلُهُمْ» (أخرجه الترمذي: 998) މާނައީ: "ޖަޢުފަރުގެފާނުންގެ އަހުލުވެރިންނަށް ކާނާ ތައްޔާރުކޮށްދޭށެވެ! ފަހެ، އެ މީހުން އެ ވަނީ ކުއްލި ކާރިސާއެއްގައި މަޝްޣޫލުވެގެންނެވެ." މި ޙަދީޘުން ވެސް އެނގެނީ މީހުން މަރުވެދިއުމުން އެ މީހުންގެ އަހުލުވެރިންނަށް އަޅައިލައި ކަމޭހިތަން ވާނޭ ކަމެވެ. އެ ގޮތުން އެ ޢާއިލާއަށް ކާނާ ތައްޔާރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމެވެ. ކުއްލި ނުރައްކާތެރި ޙާލަތެއް ދިމާވުމީ ވަރަށް ބޮޑު ހިތާމައެކެވެ. އެފަދަ ހާލަތްތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ މާތް ﷲގެ ހަޟްރަތުން ރައްކާތެރިކަން އެދުމެވެ. އެ ކަން ކުރެވޭނީ ﷲއާ ކުއްތަންވެ، އެއިލާހަށް މުނާޖާ ދަންނަވައިގެންނެވެ. ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައިގެންނެވެ. ކުއްލިއަކަށް ދިމާވާ ކަންކަމުން ރައްކާތެރިކޮށްދެއްވުން އެދި ކުރާނެ ދުޢާއެއް، އަޅުގަނޑުމެން ކޮންމެ ދުވަހަކު ކިޔާ ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ ތެރޭގައި ވެސް އޮންނަކަން ކިތަންމީހުންގެ ހަނދާނުގައި އެބަހުރިބާއެވެ؟ ޢަބްދުﷲ ބިން ޢުމަރު رضي الله عنهماގެ އަރިހުން އަލްއިމާމު އަލްބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި މި ދެންނެވި ދުޢާ ވާރިދުވެގެން ވެއެވެ. އެއީ އަންނަނިވި ދުޢާއެވެ. اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي دِينِي وَأَهْلِي وَمَالِي، اللَّهُمَّ وَاسْتُرْ عَوْرَتِي، وَآمِنْ رَوْعَتِي، اللَّهُمَّ احْفَظْنِي مِنْ بَيْنَ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ يَسَارِي، وَمِنْ فَوْقِي، وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي‏.‏ މާނައީ: "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައި ޢަފޫކުރެއްވުމަށާއި ފުރިހަމަ ޢާފިޔަތެއް ދެއްވުން އެދި އިބަ ﷲގެ ޙަޟްރަތުގައި މި އަޅާ ދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން ޢަފޫކޮށްދެއްވުން އެދި އިބަ ﷲގެ ޙަޟްރަތުން މި އަޅާ ދަންނަވަމެވެ. އަދި މި އަޅާގެ ދީނާއި، ދުނިޔޭގައްޔާއި އަދި މި އަޅާގެ އަހުލުވެރިންނާއި، މުދަލުގައި ފުރިހަމަ ޢާފިޔަތެއްލެއްވުން އެދި ދަންނަވަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ ކުރިމަތިންނާއި، މި އަޅާގެ ފުރަގަހުންނާއި، މި އަޅާގެ ކަނާތްފަރާތުންނާއި، މި އަޅާގެ ވާތްފަރާތުންނާއި އަދި މި އަޅާގެ މަތިން ވެސް މި އަޅާ ރައްކާތެރި ކޮށްދެއްވާންދޭވެ! އަދި މި އަޅާގެ ދަށުން ކުއްލިއަކަށް މި އަޅާ ހަލާކުވެދިޔުމުން ރައްކާތެރިކޮށްދެވުން އެދި، އިބަ ﷲގެ މަތިވެރިކަން މެދުވެރިކޮށް، މި އަޅާ އިބަ އިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ." މި ޙާދީޘުގައި ބަޔާންވެފައި އޮތް ދުޢާގައި އެވާ، "وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي‏.‏"އަކީ ކުއްލި ނުރައްކަލުން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވާން އޮތް ޢިބާރާތެކެވެ. އޭގެ މާނައިގައި ވަނީ "އަދި މި އަޅާގެ ދަށުން ކުއްލިއަކަށް މި އަޅާ ހަލާކުވެދިޔުމުން ރައްކާތެރިކޮށްދެވުން އެދި، އިބަ ﷲގެ މަތިވެރިކަން މެދުވެރިކޮށް، މި އަޅާ އިބަ އިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ." ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދުޢާ އާއި މިފަދަ އިތުރު ދުޢާތައް ދަސްކޮށްގެން ރައްކާތެރިކަން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. ހަމަކަށަވަރުން ރައްކާތެރިކަން ދެއްވޭނެ ހަމައެކަނި ފަރާތަކީ އެއީއެވެ. އެއިލާހުގެ ރައްކާތެރިކަން ލިބުން އޮތީ އަޅުގަނޑުމެން އެއިލާހާ ކުއްތަންވީ މިންވަރަކުންނެވެ. އެ ގޮތުގައި ދެމިތިބުމުގެ ތައުފީޤު މާތް ﷲ އަޅަމެން އެންމެންނަށް ދެއްވާނދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ