ފީފާ ރޭންކިންގައި ރާއްޖެ އަށް ހަތް ދަރަޖައިގެ ވެއްޓުމެއް ފީފާ ރޭންކިންގައި ރާއްޖެ އަށް ހަތް ދަރަޖައިގެ ވެއްޓުމެއް

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާ އިން މަހަކު އެއް ފަހަރު އިއުލާނުކުރާ ރޭންކިންގައި، މި މަހު އާންމުކުރިއިރު ރާއްޖޭގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު ހަތް ދަރަަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
މި މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 171 ވަނައިގަ އެވެ. މިދިޔަ މަހުގެ ރޭންކިންގައި 164 ވަނައިގައި އޮތްއިރު، ރާއްޖެ ފަހަތަށް މިދިޔައީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން ވެސް ބަލިވުމުންނެވެ.
ރާއްޖެ ބަލިވި މެޗުތަކަށް ބަލާއިރު، އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝާއި އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން، ކޮލިފައިންގައި ފިލިޕީންސާއި ޓިމޯ ލެސްޓޭ އަތުންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި، ރާއްޖެ ބަލިވި ޓިމޯ ލެސްޓޭ އަކީ، ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ގައުމެކެވެ. ޓިމޯ ލެސްޓޭ އަށް މި މޮޅާ އެކު، ރޭންކިންގެ ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު، 195 ވަނަ އަށް ވަނީ ޖެހިލައިފަ އެވެ.
މީގެ ކުރިން ރާއްޖެ ފީފާ ރޭންކިންގައި މިހާ ފަހަތަށް ދިޔައީ، 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެ ފަހަރު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 174 ވަނައިގަ އެވެ. ފީފާ ރޭންކިންގައި ރާއްޖެ އެންމެ ދަށްކޮށް ރޭންކްކުރެވެވުނީ، 1997 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެއީ، ދުނިޔޭގެ 183 ވަނައިގަ އެވެ.
ފީފާ ރޭންކިންގައި ރާއްޖޭގެ އެންމެ ރަނގަޅު ރެކޯޑަކީ، ޖުލައި، 2006 ގައި ދުނިޔޭގެ 124 ވަނަ އަށް އެރުމެވެ.
ސާފް ސަރަހަައްދަށް ބަލާއިރު، އަދިވެސް ދެ ވަނަ އަށް ރޭންކިން އެންމެ ރަނގަޅީ ރާއްޖެ އެވެ. އިންޑިއާ، ހަ ދަރަޖައިގެ ވެއްޓުމަކާ އެކު، 133 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 171 ގަ އެވެ. ނޭޕާލް، 176 ގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 184 ގަ އެވެ. ބޫޓާން 186 ވަނައިގައި އޮތްއިރު، ސްރީ ލަންކާ އޮތީ 196 ވަނައގަ އެވެ. އަދި، ޕާކިސްތާން އޮތީ 201 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ