ޚަރަދު ބޮޑުވާނެ، މާ ގިނައިން ހިޔާލު ހޯދުމުގެ ވޯޓު ނަގައިފާނެކަމުގެ ކަންބޮޑުވުން
ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށާއި އަހަރެއްގެ މައްޗަށް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ އަދަދު ގާނޫނުގައި ބަޔާންކުރަން ސިޔާސީ ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ. ސަރުކާރުގެ ފަރާތުން "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"ގެ ނަމުގައި ބިލެއް ހުށަހެޅީ، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލާ ގުޅޭގޮތުން އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ހިޔާލު ހޯދުމަށް ފަހު، މިއަދު އޮތީ ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމެވެ. މިއަދުގެ ބައްދަލުވުމުގައި މި ވަގުތު ރާއްޖޭގެ މައި އިދިކޮޅު ދެ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބައިވެރިނުވެއެވެ. މިއަދުގެ ބައްދަލުވުމުގައި ބިލަށް ހިޔާލު ހުށަހަޅުއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. އަމީން އިބްރާހީމް ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓަކަށްދާން، ބޮޑެތި ޚަރަދުތަކެއް އިންތިޚާބު ބާއްވައި އެންމެހާ އިންތިޒާމުތައް ކުރުމަށް ކުރަން ޖެހޭ ކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ހިނދު، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އެކަމުގެ އަސަރުކުރުން އެކަށީގެންވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް އެ އިރެއްގައި އެކުލެވިފައި އޮންނަ ގޮތަކުން ވެސް އާންމު ވޯޓަކަށް ދާން އެ އިރެއްގައި އޮންނަ މަޖިލީހަކުން މަސައްކަތްކޮށްފާނެއެވެ. "އެކަމަކު އެއިން ކޮންމެ ހާލަތަކީ ފަހަރުގައި ސަރުކާރުގެ ނޫނީ ވިއްޔާ ދައުލަތުގެ މާލީ ހާލަތު އޮތްގޮތުން އެކަން ކުރަން އުނދަގޫ ހާލަތަކަށް ވެސް ވުން އެކަށީގެންވޭ،" އަމީން ވިދާޅުވިއެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބިލަށް ހިޔާލު ހުށަހަޅުއްވަމުން އެ ޕާޓީގެ ލީގަލް އެޑްވައިޒަރު ފާތިމަތު ޝަރީފް ވިދާޅުވީ، ބިލު ފާސްކޮށް ހިޔާލު ހޯދުމުގެ ވޯޓު ނަގާއިރު، އިންތިޚާބުތަކުގެ ސަބަބުން އިގުތިސާދަށް ކުރާނެ އަސަރާއި މާލީގޮތުން ކުރާނެ އަސަރާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަމީންގެ ވާހަކައަށް ތާއީދުކުރައްވައި ފާތިމަތު ޝަރީފް ވިދާޅުވީ، އަހަރަކު ހަތަރު ފަހަރު ނުވަތަ ފަސް ފަހަރު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ނަމަ އެކަމުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އެހެންވެ، ހިޔާލު ހޯދުމުގެ ވޯޓު ނެގޭނެ އަދަދު ސީދާ ބިލުގައި ހިމަނަން އޭނާ ހުށަހެޅުއްވިއެވެ. "މިސާލަކަށް މިހާރު ވެސް އެބައިން ޓައިމް ފްރޭމެއް، މައްސަލަ ހުށަހަޅާތަނުން 45 ދުވަހާއި 90 ދުވަހާ ތެރޭގައޭ ވޯޓު ނަގަން ޖެހޭނީ، އެހެންވެއްޖިއްޔާ ވޯޓު ހިނގާށޭ އަޅުގަނޑުމެން ނަގާނީ އަހަރަކު 2-3 ވޯޓު ކަމަށް ލިމިޓުކޮށްލަން،" ފާތިމަތު ޝަރީފް ވިދާޅުވިއެވެ. މި ބިލާ ގުޅޭގޮތުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އެހެން އިންތިޚާބުތަކަށް ތައްޔާރުވުމަށާއި، ވަކިން ޚާއްސަކޮށް މީހުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަގުތު ލިބޭ ކަމަށެވެ. އެއީ، މަޖިލިސް އިންތިޚާބު ކަމުގައި ވިޔަސް ނުވަތަ ލޯކަލް ކައުންސިލް އިންތިޚާބު ނަމަވެސް ވަކި ތާރީޚެއްގެ ކުރިން އެ އިންތިޚާބު ބާއްވަންޖެހޭކަން ގާނޫނުން އެނގެން އޮތުމުން ކުރިއާލާ ތައްޔާރުވާން ވަގުތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޒާހިދު ހުށަހެޅުއްވީ އެހެން އިންތިޚާބުތައް ބާއްވަން ދީފައިވާ މުއްދަތެކޭ އެއްގޮތަށް 45 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތެއް، ފެންނަ ނުފެންނަ ވޯޓު ނަގާ އިންތިޚާބެއް ބާއްވަން ވެސް ދިނުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ މާއްދާއެއް މިހާރަކު ނޯވެއެވެ. ފާހަގަކުރެވޭ ގޮތުގައި ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ